އަދަދު ހާމަ ނުކޮށް "ރައިޓްސައިޒް" ކުރަން ބަޔަކު ވަކިކޮށްފިކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.

މިކަމާ ގުޅޭގޮތުން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ފެނަކައިން ބުނީ މާލީ ހާލަތު ރަނގަޅު ކުރުމަށް ކުރިއަށްގެންދާ ކުންފުނި "ރައިޓްސައިޒް" ކުރުމުގެ މަސައްކަތުގެ ދަށުން، އަމިއްލައަށް ވަޒީފާއިން ވަކިވި މުވައްޒަފުންނަށް ދޭންޖެހޭ އިނާޔަތްތައްވެސް މިހާރު ދީ ނިންމާފައިވާ ކަމަށެވެ. ކުންފުނީގެ ރިޑަންޑަންސީ ޕޮލިސީގެ ދަށުން މުވައްޒަފުންނަށް އަމިއްލައަށް ވަކިވުމުގެ ފުރުސަތު ހުޅުވާލީ، މުވައްޒަފުން ޝަރަފުވެރިކަމާއެކު އިނާޔަތަކާއެކީ ވަކިވުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގުސަދުގައިކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.

މި މަސައްކަތާ ގުޅޭގޮތުން ފެނަކައިން ބުނީ، ކުންފުނި ރައިޓްސައިޒް ކުރުމުގެ އުސޫލު 20 މެއި 2026 ގައި މުވައްޒަފުންނާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި 2 ޖޫން 2026 ގައި އިންޓާނަލް މެމޯއެއް މެދުވެރިކޮށް، އިނާޔަތާއެކު އަމިއްލައަށް ވަޒީފާއިން ވަކިވުމުގެ ފުރުސަތު ހުޅުވާލައި، އެކަމުގެ ތަފްސީލީ އުސޫލުތައް 4 ޖޫން 2026 ގައި މުވައްޒަފުންނަށް އަންގާފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

އެ އުސޫލުގެ ދަށުން 4 މަހުގެ މުސާރައާއެކީ ވަކިވާން ބޭނުންވެގެން ޝައުގުވެރިކަން ފާޅުކުރި މުވައްޒަފުންނާއެކު އެއްބަސްވުންތައް ހަދައި، އެ އެއްބަސްވުންތަކާ އެއްގޮތަށް 4 މަހުގެ މުސާރައަށްވާ ފައިސާ މިހާރު ދޫކޮށްފައިވާ ކަމަށް ފެނަކައިން ކަށަވަރުކޮށްދީފައިވެއެވެ.

އަދި މިކަމާ ގުޅިގެން ބައެއް މީޑިއާތަކުންނާއި އާންމު ފަރާތްތަކުން ފެނަކައިން މުވައްޒަފުންނަށް އޮޅުވާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، ކުންފުނިން އެކަށައަޅާފައިވާ އުސޫލުތަކާ ހިލާފަށް ނުވަތަ އެއްވެސް ފަރާތަކަށް ގެއްލުމެއް ވާނެ ފަދަ ގޮތަކަށް އަމަލު ނުކުރާނެ ކަމުގެ ޔަގީންކަން ދޭކަމަށްވެސް ފެނަކަައިގެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.

އަމިއްލައަށް އެދިގެން ވަކިވާން ހުޅުވާލި ފުރުސަތުގައި ވަޒީފާއިން ވަކިވުމަށް 108 މުވައްޒަފަކު ހުށަހެޅިކަމަށް ފެނަކައިން މީގެ ކުރިން ހާމަކޮށްފައިވެއެވެ. ފެނަކަ ރައިޓްސައިޒް ކޮށް އިނާޔަތް ދިންކަމަށް ބުނެ ނޫސްބަޔާނެއް ނެރިފައިވާއިރު، ފެނަކައިން ވަކިވި މީހުންގެ އަދަދުތަކާއި، ދިން އިނާޔަތުގެ ތަފްސީލެއްވެސް ހާމަ ކޮށްފައެއް ނުވެއެވެ.