އައްޑޫ ސިޓީ ބްރާންޗުގެ ކުރީގެ ވެރިންނާއި އާއިލާ މެންބަރުންނަށް ނުހައްގު މުއްސަނދިކަން ލިބިފައިވޭތޯ ބެލުމަށް ތަހުގީގެއް ހިންގުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މަޖިލީހުން މިގޮތަށް ފާސްކުރީ، ފެނަކައިގެ އައްޑޫ ސިޓީގައި ހިންގާ ބްރާންޗް ތަކާއި ޕްރޮޖެކްޓްތަކުގެ ހާއްސަ އޮޑިޓް ރިޕޯޓް (2023-2021) ގައިވާ ކަންތައްތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކޮށް މަޖިލީހަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
އެ ރިޕޯޓްގައިވާ ގޮތުން ފެނަކަ ޕްރޮޖެޓްޓުތަކުގެ މަސައްކަތް އިން-ހައުސްކޮށް ކުރިއަށް ގެންދިއުމުގެ ކުރިން ކުންފުންޏަށް އެންމެ ފައިދާ ވާނެ ގޮތަކީ ކޮބައިކަން ނުބަލައި ކުންފުންޏަށް ގެއްލުންވާ ގޮތަށް ޕްރޮޖެކްޓްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
އެހެންކަމުން ފެނަކައިގެ ވެރިންނާއި މުވައްޒަފުންނާ އާއިލީ ގުޅުން އޮންނަ ވިޔަފާރިތަކުން މުދަލާއި ހިދުމަތްތައް ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރުމަށް އަންގާފައި ވެއެވެ. މީގެ އިތުރުން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ:
- ކުންފުނީގެ ފައިސާއަށް ހިޔާނާތްތެރި ވުމުގައި ޝާމިލްވާ ހުރިހާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި، އެ މައްސަލަ ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ހިދުމަތަށާއި އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުން
- މައްސަލަތައް ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުން
- ފެނަކައިގެ އިސްވެރިންނާއި މުވައްޒަފުންގެ އާއިލީ މަސްލަހަތު އެކުލެވޭ ވިޔަފާރިތަކުން މުދަލާއި ހިދުމަތް ނުހޯދޭނެ ގޮތަށް ޕްރޮކިއުމަންޓު ޕޮލިސީ 45 ދުވަހުގެ ތެރޭގައި އިސްލާހުކުރުން
- ހުގީގުތައް އަވަސް ކުރުމަށް އޭސީސީއަށް އެންގުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގައި ދެންނެވުން
އެ ރިޕޯޓާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ދެއްވާފައި ނުވެއެވެ.
އެހެންކަމުން މާލިއްޔަތު ކޮމިޓީން ދިރާސާކޮށް އެކުލަވާލި ރިޕޯޓްގައިވާ ގޮތުގެ މަތިން ކޮރަޕްޝަންގެ މައްސަލަތައް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށާއި މަނީ ލޯންޑްރިންގެ މައްސަލަތައް ފުލުހަށް ހުށަހެޅުމަށް މަޖިލީހުން ފާސްކުރީ 53 މެންބަރުންގެ ވޯޓަކުންނެވެ.
