މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވޭތުވެދިޔަ ހަފްތާގެ ތެރޭގައި 44,000 އަށް ވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށް، ފާހަގަކޮށްލެވޭ ކުރިއެރުމެއް ހޯދައިފިއެވެ. އެމްޕީއެލް އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިއީ ފާއިތުވި މަސްދުވަހަށް ބަލާއިރު ރެކޯޑް އަދަދެކެވެ.
ޖުލައި މަހުގެ 19 އިން 25 ގެ ނިޔަލަށް އެމްޕީއެލް އިން ވަނީ ޖުމްލަ 44,170.81 ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 41,929.04 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2,241.77 ފްރެއިޓް ޓަނުގެ މުދަލެވެ.
މި މުއްދަތުގެ ތެރޭގައި މުދާ ކްލިއާކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގޮސްފައިވާއިރު، ކޮންޓެއިނަރު ބޯޓުފަހަރުން 1,450 ކޮންސައިންމަންޓް އަދި ޖެނެރަލް ކާގޯ ބޯޓުފަހަރުން 418 ކޮންސައިންމަންޓް ވަނީ ކްލިއާކޮށްފައެވެ.
ކޮންޓެއިނަރުތަކުގެ ތަފްސީލަށް ބަލާއިރު، ފާއިތުވި ހަފުތާގައި 1,528 ޓީއީޔޫ ގެ މުދާ ބާލާފައިވެއެވެ. އަދި ހަމަ އެ މުއްދަތުގައި 1,895 ޓީއީޔޫގެ މުދާ ބޯޓުފަހަރަށް އަރުވާފައިވާއިރު، ޖުމްލަ ތްރޫޕުޓް ވަނީ 3,423 ޓީއީޔޫއަށް އަރާފައެވެ.
ބަނދަރުގެ އޮޕަރޭޝަންތަކަށް ބަލާއިރު، މިދިޔަ ހަފްތާގައި ކޮންޓެއިނަރު އުފުލާ 2 ބޯޓު ބަނދަރަށް އައިސް 3 ބޯޓު ފުރާފައިވެއެވެ. އަދި ޖެނެރަލް ކާގޯ އުފުލާ 4 ބޯޓު ބަނދަރަށް އައިސްފައިވާއިރު، މުދާ ހުސްކުރުމަށްފަހު 3 ބޯޓު ވަނީ ފުރާފައެވެ.
ވޭތުވެދިޔަ ހަފްތާތަކުގެ ތަފާސްހިސާބުތަކަށް ނަޒަރު ހިންގާލާއިރު، މިއީ އެންމެ ގިނަ އަދަދަކަށް މުދާ ކްލިއާކުރި ހަފްތާއެވެ.
ވޭތުވެ ދިޔަ ހަފްތާތަކުގެ ތަފާސްހިސާބު:
- ޖުލައި 12 އިން ޖުލައި 18 އަށް: ބޯޓުފަހަރުން 41،753.59 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،179.98 ފްރެއިޓް ޓަނުގެ މުދާ (ޖުމްލަ 43،933.57)
- ޖުލައި 5 އިން ޖުލައި 11 އަށް: ބޯޓުފަހަރުން 32،589.01 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،709.24 ފްރެއިޓް ޓަނުގެ މުދާ (ޖުމްލަ 35,298.25)
- ޖޫން 28 އިން ޖުލައި 4 އަށް: ބޯޓުފަހަރުން 33،635.75 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،558.01 ފްރެއިޓް ޓަނުގެ މުދާ (ޖުމްލަ 36،193.76)
- ޖޫން 21 އިން ޖޫން 27 އަށް: ބޯޓުފަހަރުން 39،721.18 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 1،138.76 ފްރެއިޓް ޓަނުގެ މުދާ. (ޖުމްލަ 40،859.94)
- ޖޫން 14 އިން ޖޫން 20 އަށް: ބޯޓުފަހަރުން 34،310.40 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،632.91 ފްރެއިޓް ޓަނުގެ މުދާ. (ޖުމްލަ 36،943.31)
މި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެމްޕީއެލްގެ މަސައްކަތްތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް ހަލުވިވެ، ރާއްޖެއަށް އެތެރެކުރާ މުދާ ކްލިއާކުރުމުގެ ނިޒާމު އިތުރަށް ހަރުދަނާވަމުންނެވެ.
