ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކުރުމަށް ބާއްވާ ހާއްސަ ރަސްމިއްޔާތާ ގުޅިގެން، އަމީނީ މަގުގެ އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނައުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ފުލުހުން ބުނި ގޮތުގައި، މި ރަސްމިއްޔާތަށް ތައްޔާރުވުމަށާއި ރަސްމިއްޔާތު ކުރިއަށްދާ ވަގުތު ސަލާމަތީ ސަބަބުތަކަށްޓަކައި އިސްކަންދަރު ކޮށި ހިމެނޭ ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރެވޭނެއެވެ. މިގޮތުން، މިރޭ ފަތިހު 05:00 އިން ފެށިގެން ރަސްމިއްޔާތު ނިމެންދެން އެ ސަރަހައްދުގެ ވަކި ބައެއް އެއްގަމު އުޅަނދުފަހަރަށް ނުވަދެވޭ ގޮތަށް ބަންދުކުރާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ޓްރެފިކް ފްލޯއަށް އަންނަ ބަދަލު ދައްކުވައިދޭ ޗާޓެއް ފުލުހުން ހިއްސާކޮށްފައިވާ އިރު، އެ ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަހއްދަކީ ދުއްވާ އެއްޗިއްސަށް ވަދެ ނިކުމެ ހެދުމަށް މަނާ ސަރަހއްދެވެ. އެއީ އަމީނީ މަގުގެ އިސްކަންދަރު ކޮށީ ކުރިމައްޗަށް ވާގޮތަށް އޮންނަ ސަރަހައްދެވެ.
މި ބަދަލާ ގުޅިގެން އާންމު ދަތުރުފަތުރަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ އާންމުންގެ ކިބައިން މާފަށް އެދިފައެވެ. އަދި މަގު ބޭނުންކުރައްވާ ފަރާތްތަކުން މި ބަދަލަށް ސަމާލުކަން ދިނުމަށާއި، ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި، މިކަމުގައި ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
ފުލުހުންގެ މެމޯރިއަލް ޑޭ އަކީ ގައުމީ ހިދުމަތުގައި ވަކިވެދިޔަ ފުލުހުންގެ ހަނދާން އާކޮށް، އެ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ފާހަގަކުރާ މުހިންމު ދުވަހެކެވެ.
