ރާއްޖޭގެ މަގުތަކުގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުން އިތުރުވަމުންދާތީ، އެކަމާ ގުޅިގެން މަގުމަތީގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށް ޓަކައި ޓްރެފިކް ޕޮލިހުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމައިފިއެވެ.
ޓްރެފިކް ފުލުހުން ކޮމިޓީއަށް ހާޒިރުކުރުމަށް ހުށަހެޅުއްވީ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލްއެވެ. ނާޒިލްގެ މި ހުށަހެޅުއްވުމަށް އައްޑޫ ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދުއާއި ފޭދޫ ދާއިރާގެ މެމްބަރު އިސްމާއީލް ނިޒާރު ވަނީ ތާއީދު ކުރައްވާފައެވެ. ކޮމިޓީއަށް ފުލުހުން ހާޒިރުކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ.
ނާޒިލް ވަނީ އެއްގަމު ދަތުރުފަތުރާ ގުޅުންހުރި ސިޔާސަތުތައް ކަނޑައެޅުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރައްވާ ފުލުހުން ވެސް އެމީހުންގެ ވާޖިބު އަދާކުރުމުގައި މައްސަލަތަކެއް ހުރިކަމަށް ފާހަގަކުރައްވާފައެވެ. އެގޮތުން ނުބައި ފަޅިން ދުއްވިޔަސް މަގުމަތީގައި ހުންނަ ޓްރެފިކް ފުލުސް މީހާ އަޅާނުލާކަމަށް ނާޒިލް ވަނީ ތުހުމަތުކުރައްވާފައެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ޓަކައި ދިވެހި ފުލުހުންގެ ހިދުމަތުންނާއި ކަމާބެހޭ ވުޒާރާތަކުން މިހާރު ވެސް ހާއްސަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.
ބިރުވެރިކަން އުފެދޭގޮތަށް މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ހުއްޓުވާ އެފަރާތްތަކާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ފުލުހުން ވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ މިނިސްޓަރު އަލީ އިހްސާން ވެސް ވަނީ ބައްލަވާލައްވާފައެވެ.
މި އޮޕަރޭޝަންގައި މައިގަނޑު ގޮތެއްގައި ފުލުހުން ސަމާލުކަންދެނީ ބިރުވެރިކަން އުފެދޭގޮތަށް ޒިގްޒެގްކޮށް ދުއްވުމާއި، އުޅަނދުތަކަށް ބަދަލު ގެނެސް ސައިލެންސަރު އަޑުގަދަކޮށް ދުއްވުމާއި، ހަރު ބިންމަތީގައި ގާނަމުން ދުއްވުމުގެ އިތުރުން، ބާރު ސްޕީޑުގައި ދުއްވުމާއި، ހުއްދަ ނެތި ރޭސްޖެހުމާއި، ނުރައްކާތެރިކޮށް އޯވަޓޭކްކުރުމުގެ މައްސަލަތަކަށެވެ. މީގެއިތުރުން، މަސްތުގެ ހާލަތުގައި ދުއްވުމާއި، ފުލުހުން މަޑުކުރަން އެންގުމުން މަޑުނުކޮށް ފިލަން މަސައްކަތްކުރާ ފަރާތްތަކާމެދުވެސް ހަރުކަށި ފިޔަވަޅު އަޅާނެއެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ޓްރެފިކް ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަހްމަދު ހަނީފާއި، ބްރިޖް އެންޑް ހައިވޭ އޮޕަރޭޝަންސްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ، ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ރައްޔިތުންނަށް އަމާންކަމާއެކު މަގުތައް ބޭނުންކުރެވޭނެ މާހައުލެއް ގާއިމުކުރުމަކީ މި އޮޕަރޭޝަންގެ މައިގަނޑު އަމާޒު ކަމަށެވެ.
އަދި މި އޮޕަރޭޝަން ކަނޑައެޅިފައިވާ ލަނޑުދަނޑިތައް ހާސިލުވަންދެން ކުރިއަށްދާނެ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.
