ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހާ ގުޅިގެން އޮފިޝަން އިވެންޓްސް އަދި އެޗްޑީސީ ގުޅިގެން ހުޅުމާލޭގައި "ސައްބީސް ކާނިވަލް" ބޭއްވުމަށް ނިންމައިފިއެވެ.
އެޗްޑީސީން ބުނި ގޮތުގައި މި ކާނިވަލް އޮންނާނީ ޖުލައި 24 އިން ޖުލައި 31 ގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހަވީރު 04:00 އިން ރޭގަނޑު 11:00 އަށް، ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އަށް ދުވަހަށް ކުރިއަށްގެންދާ މި ކާނިވަލްގައި އުމުރުފުރާއަކަށް ހާއްސަ ހަރަކާތްތައް ހިމެނޭނެއެވެ. އެގޮތުން، ކާނިވަލް ގޭމްސް، ހޮރޯ ހައުސް، ޑިޖިޓަލް ގޭމިންގް އެރީނާ، ފުޑް ކިއޮސްކުތައް، ޗިލްޑްރެންސް އޭރިއާ، އިންފްލޭޓަބަލްސް، ލައިވް މިއުޒިކްއާއެކު ބޮޑުބެރު ހުށަހެޅުންތައް ކާނިވަލްގެ އެކި ދުވަސްތަކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެޗްޑީސީން ބުނި ގޮތުގައި މިއީ މިނިވަން ދުވަހުގެ އުފާ ފާޅުކުރުމާއެކު ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ އެއްބައިވަންތަކަށް އިތުރުކޮށް ކުދިބޮޑު އެންމެން އެއްތަނަކަށް އެއްވެ، މަޖާ އެކި ހަރަކާތްތަކާއެކު ހިތްހަމަޖެހޭ ވަގުތުކޮޅެއް ހޭދަކުރުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ ކާނިވަލެކެވެ.
އެޗްޑީސީގެ އަމާޒަކީ ކުރިއަށްއޮތްތަނުގައިވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުން ކަމަށް ވެއެވެ.
