ސަރުކާރު ހިއްސާވާ ކުންފުނިތަކުން އިތުރު ގަޑީގެ ފައިސާ ދޭ ގޮތަށް ބަދަލުތަކެއް ގެންނަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ކުންފުނިތަކަށް އަންގައިފި އެވެ.

މިފަދައިން ޕީސީބީން އަންގާފައިވަނި އެ ކުންފުނިތަކަށް ފޮނުވި ސާކިއުލާއެއްގައެވެ. އެގޮތުން އެ ސާކިއުލާގައި ބުނެފައި ވަނީ ހަފުތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތްކުރާ ވަގުތަށް އެކަނި އިތުރުގަޑީގެ ފައިސާ ލިބޭގޮތަށް ކުންފުނިތަކުގެ އިތުރު ގަޑީގެ ފައިސާ ދޭ އުސޫލު ބަދަލުކުރުމަށެވެ.

މިފަދައިން އަމަލު ކުރުމުގެ މަގްސަދަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށާއި މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ހުރިހާ ކުންފުންޏެއްގެ ސިޔާސަތުތައް އެއްހަމަކުރުމުގެ މަގްސަދުގައި ކަމަށް ޕީސީބީގެ ސާކިއުލާގައި ބުނެފައި ވެއެވެ. މީގެ އިތުރުންވެސް ޕީސީބީން އަންގާފައިވާ ކަންކަމަކީ:

  • އިތުރު ގަޑީގެ ފައިސާ ދިނުމުގައި މިހާރު ވެސް ވަކި މިންވަރެއް ކަނޑައަޅާފައިވާ ކުންފުނިތަކުން އާ އުސޫލާ އަޅާކިޔައި، ކުންފުންޏަށް މާލީ ގޮތުން އެންމެ ފައިދާ ހުރި އަދި ހަރަދު ކުޑަ ގޮތެއް ހިޔާރު ކުރުމަށް
  • މި ބަދަލުތައް ގެނައުމަށް، މި މަހުގެ 30ގެ ކުރިއަށް މުހުލަތެއް ދީފައިވޭ
  • އާ އުސޫލަށް އަމަލު ކުރަން ފަށަނީ އޮގަސްޓް މަހުގެ 1 ވަނަ ދުވަހުން ފެށިގެން

މި ބަދަލުތަކުގެ ސަބަބުން އިތުރު ގަޑީގެ ހަރަދުތައް ހަރުދަނާކޮށް ބެލެހެއްޓުމުން ކުންފުނީގެ މުހިންމު މަސައްކަތްތަކަށާއި، ހިދުމަތްތައް ރަނގަޅުކުރުމަށް އިތުރު ވަސީލަތްތައް ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ޕީސީބީން ބުނެފައި ވެއެވެ.

މިފަދަ ނިންމުމެއް ޕީސީބީން ނިންމާފައިވާއިރު ދާދި ފަހުން ވަނީ ސަރުކާރު ކުންފުނިތަކުގެ ހިންގުން ހަރުދާނާކޮށް އެ ކުންފުނިތަކަކީ ފައިދާގައި ހިންގާ ކުންފުނިތަކަށް ހެދުމަށްކުރަމުންދާ މަސައްކަތުގެ ތަރެއިން، މުވައްޒަފުންގެ އަދަދު 33 ޕަސެންޓް މަދު ކުރުމަށް 3 މަސް ދުވަހުގެ މުހުލަތެއްވެސް ދީފައެވެ.

އެ ނިންމުމާ އެެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ބެލުމަށް ޓަކައި، އެކްސެލް ޝީޓެއްގައި މައުލޫމާތު އަދާހަމަކޮށް، ކޮންމެ ހަފުތާއެއްގެ އާދިއްތަ ދުވަހު ފިނޭންސް މިނިސްޓްރީއާއި ޕީސީބީއަށް މެއިލް ކުރުމަށް އެ ބޯޑުން ކުންފުނިތަކަށް އަންގާފައި ވެއެވެ.