ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 5.5 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ މި ޖުލައި މަހުގެ 18 ވަނަ ދުވަހު އިންޑިއާއިން ރާއްޖެއައި އިންޑިއާގެ ދެ ފަސިންޖަރެއްގެ އަމަލުތައް ހުރިގޮތުން، އެ މީހުންގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން އެތެރެކުރަން އުޅޭކަމަށް ޝައްކުކުރެވިގެން ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށެވެ.
އެ ދެ ފަސިންޖަރުންގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައި ފެނުނު މަސްތުވާތަކެތި ތަހުލީލުކުރިއިރު، އެ ތަކެތި ކެނެބިސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ދިވެހި ރުފިޔާއަށް އަރާއިރު މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެ ތަކެތި އެތެރެކުރަން އުޅުނު ދެ ފަސިންޖަރުން އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާއި ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ވައިގެ މަގުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހާއްސަ ފިޔަވަޅުތަކެއް އަޅަމުންދާއިރު، ފަހަކަށް އައިސް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގަންނަ މިންވަރު ވަނީ އިތުރުވެފައެވެ.
