ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ސްޕެއިން ކާމިޔާބުކޮށްފިއެވެ. ސްޕެއިން މުބާރާތް ކާމިޔާބުކުރީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 އިން ބަލިކޮށްގެންނެވެ.

މުޅި މެޗުގައި ހެން ކުޅުނީ ސްޕެއިންއެވެ. މިގޮތުން އެޓީމުން ވަނީ އާޖެންޓީނާގެ ގޯލަށް އަމާޒުކޮށް ސީދާ 12 ހަމަލާ ފޮނުވާލާފައެވެ. ބަދަލުގައި އާޖެންޓީނާގެ އެންމެ ހަމަލާއެއްވެސް ސްޕެއިންގެ ގޯލަށް އަމާޒުވެފައެއް ނެތެވެ.

ފުރަތަމަ ހާފްގައި ވެސް ލަނޑު ޖަހާނެ ދެތިން ފުރުސަތު ސްޕެއިންއަށް ލިބުނު ނަމަވެސް މެޗުގެ ފުރަތަމަ 45 މިނެޓް ނިމިގެން ދިޔައީ 0-0 އެއްވަރުވެގެންނެވެ. މިއަހަރުގެ މުބާރާތުގެ ފައިނަލްގެ ހާފް ޓައިމްގައި ވަނީ 20 މިނެޓްގެ ޝޯއެއް ހުށަހަޅާފައެވެ. މިގޮތުން، މެޑޯނާ، ބީޓީއެސް، ޖަސްޓިން ބީބާ އަދި ޝަކީރާގެ ހުށަހެޅުންތަކަށް ފަހު ދެ ޓީމުން ދެވަނަ ހާފްގެ ކުޅުމަށް ނިކުތެވެ.

ހާފް ޓައިމް ޝޯ ގައި ބީޓީއޭސް ލަވައެއް ހުށަހަޅަނީ/ފޮޓޯ: އެކްސް

ދެވަނަ ހާފްގައި ވެސް ގަދައަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ސްޕެއިނުންނެވެ. ދެވަނަ ހާފްގައި އާޖެންޓީނާގެ ކީޕަރު އެމީ މާޓީނޭޒް ވަނީ ހުޝިޔާރު އެތަށް ސޭވެއްކޮށްފައެވެ. އޭނގެ ފަހުން ވެސް އޭނާ ގިނަ ސޭވްތަކެއް ކުރި އިރު މެޗުގެ 90 މިނެޓްގެ އެންމެ ފަހު ސިކުންތުކޮޅުގައި ސްޕެއިންގެ ލަމީން ޔަމާލް ފޮނުވާލީ ސީދާ ފްރީކިކް ވެސް ހިމެނެއެވެ.

އާޖެންޓީނާގެ މާޓިނޭޒް ވަނީ ފައިނަލްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރުގެ ރިކޯޑް ހަދާފައި/ފޮޓޯ: އެކްސް

މެޗުގެ 90 މިނެޓް ހަމަވުމުގެ ކުރިން އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒްއަށް ދެ ރީނދޫ ކާޑު ހަމަވެ ރަތް ކާޑެއް ވަނީ ދައްކާފައެވެ. މި މެޗުގައި އާޖެންޓީނާއިން ގިނަ ފައުލުތައް ކުރި އިރު މެޗުގައި ދެއްކި ހުރިހާ ކާޑެއް ވެސް ދެއްކީ އެޓީމަށެވެ.

މެޗުގެ 90 މިނެޓް ހަމަވާން ދަނިކޮށް އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒް އަށް ވަނީ ރަތް ކާޑު ދައްކާފައި/ފޮޓޯ: އެކްސް

މެޗުގެ 90 މިނެޓް ހަމަވުމުން މެޗުގެ ނަތީޖާ ނެރެން އިތުރު 30 މިނެޓް ކުޅުވިއެވެ. އަދި 30 މިނެޓްގެ ފުރަތަމަ ހާފްގައި ވެސް ސްޕެއިންއަށް ލަނޑު ޖަހާނެ ހުސް ދެ ފުރުސަތެއް ލިބުނު އިރު އެއް ހަމަލާ މާޓިނޭޒް ސޭވްކުރިއެވެ. މިއާއެކު، މާޓިނޭޒް ވަނީ ވޯލްޑްކަޕްގެ ފައިނަލް މެޗެއްގައި އެންމެ ގިނަ ސޭވް ކުރި ކީޕަރަށްވެފައެވެ. މި މެޗުގައި އޭނާ ވަނީ 11 ސޭވްކޮށްފައެވެ.

މެޗުގެ ފަހު ފަނަރަ މިނެޓް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ސްޕެއިންއިން ލަނޑު ޖަހާ ލީޑު ނެގިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފަހު ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި ފެރާން ޓޮރޭޒްއެވެ. މިލަނޑު އެސިސްޓްކޮށް ދިނީ ވެސް ފަހު ހާފްގައި އެރި ނީކޯ ވިލިއަމްސްއެވެ.

މި ލަނޑަށް ފަހު ފެރާން އިތުރު ލަނޑެއް ޖެހި ނަމަވެސް އެ ލަނޑު ވަނީ އޮފްސައިޑް ކަމަށް ކަނޑައަޅާފައެވެ. މެޗުގައި އާޖެންޓީނާއިން ގޯލަށް އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާތައް ފެނިގެން ދިޔައީ މެޗު ނިމެން ދެތިން މިނެޓަށްވެފައި އޮއްވާއެވެ. އެހެން ނަމަވެސް، 1-0 ގެ ނަތީޖާއަކުން އާޖެންޓީނާ ބަލިކޮށް 2026 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރީ މުބާރާތުގެ އެންމެ ވަރުގަދަ ޓީމު ސްޕެއިންއެވެ.

މިއީ ސްޕެއިންގެ ތާރީހުގައި އެގައުމުން ވޯލްޑްކަޕް ކާމިޔާބުކުރި ދެވަނަ ފަހަރެވެ. ފުރަތަމަ މިމުބާރާތް ކާމިޔާބުކުރީ 2010 ވަނަ އަހަރުއެވެ. އެއަހަރުގެ ފައިނަލް ވެސް ސްޕެއިން ތަށި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. އެފަަހަރުގެ ފައިނަލްގައި ކުޅުނީ ނެދެލޭންޑްސްއާއެވެ.