ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި، އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" (އެޗްއައިސީޑީޕީ) ގެ ދަށުން ދިވެހިރާއްޖެ އާއި އިންޑިއާއާ ދެމެދު ފަހުމުނާމާއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު މެންދުރުފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްތަރު އިރުތިޝާމް އާދަމް އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ޖީ. ބާލަސުބްރަމާނިއަން އެވެ. އަދި މި މަޝްރޫއު ތަންފީޒުކުރާ އިދާރާގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ.

މި މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 42 ރަށެއްގައި ފިޓްނަސް ސެންޓަރުތަކަށް ބޭނުންވާ ޒަމާނީ ސާމާނު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް ވިދާޅުވީ، މިއީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ. އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، އަންހެނުން ބާރުވެރިކުރުވުމަށާއި އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޔޫތު މިނިސްޓަރު ރާފިއު ވިދާޅުވި ގޮތުގައި، މި ސެންޓަރުތަކަކީ މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭނެ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެއެވެ. ހާއްސަކޮށް ޒުވާނުންނާއި އަންހެނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން ދުޅަހެޔޮކަން އިތުރުކުރުމަށް މި މަޝްރޫއުގެ ސަބަބުން ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ރާއްޖޭގެ ތަރައްގީއަށް ދެއްވާ މުހިންމު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ދުޅަހެޔޮކަމަށް ދެއްވާ އަހަންމިއްޔަތު ހާމަކޮށްދޭ މަސައްކަތެއްގެ ގޮތުގައި ފޮރިން މިނިސްޓްރީން ވަނީ ސިފަކޮށްފައެވެ.