މިދިޔަ ހަފްތާގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 43،000 އަށް ވުރެ ގިނަ ފްރެއިޓް ޓަނުގެ މުދާ ކްލިއާކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެމްޕީއެލް އިން އާންމުކޮށްފައިވާ މިދިޔަ ހަފްތާގެ (12 އޮކްޓޯބަރުން 18 އޮކްޓޯބަރުގެ ނިޔަލަށް) ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 43،933.57 ފްރެއިޓް ޓަނުގެ މުދާ ވަނީ ކްލިއާކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ކޮންޓެއިނަރު ބޯޓުފަހަރުން ކްލިއާކުރި 41،753.59 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން ކްލިއާކުރި 2،179.98 ފްރެއިޓް ޓަނުގެ މުދަލެވެ.

މި މުއްދަތުގެ ތެރޭގައި ކޮންޓެއިނަރު ބޯޓުފަހަރުން 1,453 ކޮންސައިންމަންޓް ކްލިއާކޮށްފައިވާ އިރު، ޖެނެރަލް ކާގޯ ބޯޓުފަހަރުން 351 ކޮންސައިންމަންޓް ވަނީ ކްލިއާކޮށްފައެވެ.

ކޮންޓެއިނަރުތަކުގެ ތަފްސީލަށް ބަލާއިރު، ފާއިތުވި ހަފުތާގައި 2,028 ޓީއީޔޫ (TEUs) ގެ މުދާ ބާލާފައިވާ އިރު، 1,730 ޓީއީޔޫގެ މުދާ ވަނީ ބޯޓުފަހަރަށް އަރުވާފައެވެ. މިއާއެކު ޖުމްލަ ތްރޫޕުޓް ވަނީ 3,758 ޓީއީޔޫއަށް އަރާފައެވެ.

ބަނދަރަށް އައިސްފައިވާ ބޯޓުފަހަރުގެ އަދަދަށް ބަލާއިރު، މިދިޔަ ހަފްތާގައި 3 ކޮންޓެއިނަރު ބޯޓު ބަނދަރަށް އައިސް، 3 ބޯޓު ވަނީ ފުރާފައެވެ. މީގެ އިތުރުން ޖެނެރަލް ކާގޯ އުފުލާ 4 ބޯޓު ބަނދަރަށް އައިސްފައިވާ އިރު، މުދާ ހުސްކުރުމަށްފަހު 4 ބޯޓު ވަނީ ފުރާފައެވެ.

ވޭތުވެ ދިޔަ މަސް ދުވަހުގެ ތަފާސްހިސާބު:

  • ޖުލައި 5 އިން ޖުލައި 11 އަށް: ބޯޓުފަހަރުން 32،589.01 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،709.24 ފްރެއިޓް ޓަނުގެ މުދާ (ޖުމްލަ 35.298.25)
  • ޖޫން 28 އިން ޖުލައި 4 އަށް: ބޯޓުފަހަރުން 33،635.75 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،558.01 ފްރެއިޓް ޓަނުގެ މުދާ (ޖުމްލަ 36،193.76)
  • ޖޫން 21 އިން ޖޫން 27 އަށް: ބޯޓުފަހަރުން 39،721.18 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 1،138.76 ފްރެއިޓް ޓަނުގެ މުދާ. (ޖުމްލަ 40،859.94)
  • ޖޫން 14 އިން ޖޫން 20 އަށް: ބޯޓުފަހަރުން 34،310.40 ފްރެއިޓް ޓަނުގެ މުދަލާއި، ޖެނެރަލް ކާގޯ ބޯޓުފަހަރުން 2،632.91 ފްރެއިޓް ޓަނުގެ މުދާ. (ޖުމްލަ 36،943.31)

ވޭތުވެ ދިޔަ މަސް ދުވަހުގެ ތަފާސްހިސާބަށް ބަލާއިރު މި ހަފްތާގައި މި ވަނީ ރެކޯޑް އަދަދަަކށް މުދާ ކްލިއާކޮށްފައެވެ.

މުދާ ކްލިއާ ކުރުމުގައި ބައެއް ވިޔަފާރިވެރިންނަށް ދަތިތަކެއް ކުރިމަތިވަމުންދާކަމުގެ ޝަކުވާތައް ލިބެމުންދާ މިދަނޑިވަޅުގައި، މި ސަރުކާރުން އަންނަނީ މިކަމަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، މުދާ ކްލިއާ ކުރުން އަވަސްކޮށް، ދިމާވާ ދަތިތައް ހައްލު ކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ވިދާޅުވެފައެވެ.