މާލޭގެ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެކުލަވައިލި "ޓްރެފިކް އެންހޭންސްމެންޓް ޕްލޭން" ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުހައްމަދު އިފުތިތާހުކޮށްދެއްވައިފިއެވެ.

އިސްކަންދަރު ކޮށި 1 ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފުތިތާހުކޮށްދެއްވުމަށްފަހު، ކޮމިޝަނާ އޮފް ޕޮލިސް ވަނީ ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ މުވައްޒަފުންނާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުވުމުގައި އަހުމަދު މުހައްމަދު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް ލުއިފަސޭހަކަން ގެނެސްދިނުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުއެޅުއްވިއެވެ.

އެގޮތުން، ޓްރެފިކް އޮޕަރޭޝަންތަކުގައި ހަރަކާތްތެރިވާ ފުލުހުންގެ އަދަދު މިހާރު އިތުރުކުރެވިފައިވާކަން ފާހަގަކުރައްވައި، މާލޭގެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުގައި ފުލުހުން ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް، އާންމުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރުމަށް ކޮމިޝަނަރު ވަނީ އިލްތިމާސްކުރައްވާފައެވެ.

މީގެ އިތުރުން ޓްރެފިކް އެންޑް ރޯޑް މެނޭޖްމަންޓުން ވަނީ ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށްޓަކައި މިހާރު ބަލަހައްޓާ ސަރަހައްދުތަކުގެ އިތުރުން، މާލޭގެ އިތުރު ސަރަހައްދުތަކުގައިވެސް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމުގެ ޔަގީންކަން ކޮމިޝަނަރު ވަނީ ދެއްވާފައެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތް މިހާރަށްވުރެ ފުޅާކުރުމަށްޓަކައި، ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު އިތުރުކުރުމުގެ މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

ޓްރެފިކް އެންހޭންސްމެންޓް ޕްލޭނަކީ މާލެއާއި ބްރިޖް ހައިވޭގައި ޑިއުޓީ އަދާކުރާ ފުލުހުން މަސައްކަތްކުރާނެ ގޮތްތައް ބަޔާންކޮށް، ހަރުދަނާ އުސޫލުތަކެއްގެ މަތިން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ.