އެފޯޑަބަލް ހޯމް އޯނާޝިޕް ސްކީމަށް ހާއްސަކޮށްގެން، ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި މަޝްރޫއުގެ އެއްބަސްވުންތަކުގައި ސޮއިކުރެވުނު ކުންފުނިތަކަކީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް - ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރެވޭ ފްލެޓްތައް ވިއްކުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅައި، އޭގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ މައުލޫމާތު ދީފައެވެ.
މަޝްރޫއުގެ ދަށުން ހައުސިން ޔުނިޓުތައް ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ތިންވަނަ ފިޔަވަހީގައެވެ. ޖުމްލަ 30 މަސް ދުވަހުގެ މުއްދަތަށް ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ކޮންމެ ޑިވެލޮޕަރަކަށް ވެސް ހަވާލުކޮށްފައިވަނީ އެއް ޕްލޮޓް ކަމަށް މިނިސްޓްރީން ބުނެއެވެ.
ދިވެހި ކޮންމެ ދިވެހި ރައްޔިތަކީވެސް ބޯހިޔާވަހިކަމުގެ ހައްގު ކަށަވަރުވެފައިވާ ރައްޔިތަކަށް ހެދުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. ”ބޯހިޔާވަހިކަން އެންމެންނަށް“ގެ ނަން ދީފައިވާ މި ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުންނާއި ރަސްމާލެ އިން ދޫކުރަން ހަމަޖެހިފައިވަނީ 7،900 ފްލެޓާއި 1،250 އަކަފޫޓުގެ 15,000 ގޯއްޗެވެ. ފްލެޓުތައް ދިނުމުގައި 15 ކެޓަގަރީއެއް ވަނީ ކަނޑައަޅައިފައެވެ.
އޭގެ ތެރެއިން 3،000 ފުލެޓެއް އަޅަން ހަވާލުކުރީ ބީއެމްއެލުން ބޯހިޔާވަހިކަމަށް ހާއްސަކޮށް އުފެއްދި ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ބީއެމްއެލް އެފޯޑެބުލް ހޯމް ލީޒިން ޕްރައިވެޓް ލިމިޓެޑަށެވެ.
