ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލަށް އެންމެ ފަހުގެ ޗެމްޕިއަންސް އާޖެންޓީނާ ދަތުރުކޮށްފިއެވެ. އާޖެންޓީނާ ފައިނަލަށް ދިޔައީ ސެމީގެ ދެވަނަ މެޗުގައި އިންގްލޭންޑާ ވާދަކޮށް ފަހަތުން އަރާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ. އާޖެންޓީނާގެ ދެލަނޑު ވެސް ޖަހާފައިވަނީ މެޗު ނިމެންދަނިކޮށެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައިވަނީ ވަރުގަދަ ކުޅުމެކެވެ. ދެ ޓީމުން ވެސް ގިނަ ފައުލްތައް ކުރި އިރު ކޮންމެ ޓީމެއްގެ އެއް ކުޅުންތެރިއަކަށް ވަނީ ފުރަތަމަ 45 މިނެޓް ރީނދޫ ކާޑު ދައްކާފައެވެ.
ފުރަތަމަ ހާފް 0-0 ގައި އޮވެގެން ނިމުނު އިރު މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އިންގްލޭންޑުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މި އަންނަ ސީޒަންގައި ބާސަލޯނާއިން ފެންނާނީ އެންތަނީ ގޯޑަންއެވެ.
އިންގްލޭންޑްގެ ލަނޑަށް ފަހު އާޖެންޓީނާއިން ކުޅުން ވަރުގަދަ ކުރިއެވެ. އަދި ގިނަ ހަމަލާތައް އުފެއްދި އިރު އިންގްލޭންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ ހުޝިޔާރު ސޭވްތައް ވެސް ކޮށްފައެވެ.
އެހެން ނަމަވެސް، މެޗު ނިމެން 5 މިނެޓަށް ވެފައި ވަނިކޮށް އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒް ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑަކީ ދުރުން ފޮނުވާލި ރީތި ލަނޑެކެވެ. އެއަށް ފަހު ވެސް އާޖެންޓީނާއިން އިތުރު ހަމަލާތައް އުފެއްދި އިރު ލިވަޕޫލްގެ މިޑްރީލްޑަރު އެލެކްސިސް މެކްއެލިސްޓާ ފޮނުވާލި އެއް ޝޮޓު ދަނޑީގައި ޖެހިފައި ވެސް ނިކުތެވެ.
އާޖެންޓީނާއިން މެޗުގެ މޮޅުވި ލަނޑު ޖެހީ 90 މިނެޓް ހަމަވެ އިތުރަށް ދެއްކި 2 ވަނަ މިނެޓްގައެވެ. ކެޕްޓަން މެސީގެ ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެން އާޖެންޓީނާ ފައިނަލަށް ގެންގޮސް ދިނީ އިންޓާ މިލާންގެ ފޯވަޑް ލަޓޫރޯ މާޓިނޭޒްއެވެ.
އަންނަ އާދިއްތަ ދުވަހު އޮންނަ ވޯލްޑްކަޕް ފައިނަލްގައި އާޖެންޓީނާ ވާދަކުރާނީ ޔޫރަޕިއަންސް ޗެމްޕިއަންސް ސްޕެއިންއާއެވެ. ސްޕެއިން ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި 2-0 އިން ފްރާންސް ބަލިކޮށްގެންނެވެ. މުބާރާތުގެ ތިން ވަނަ ހޮވާ މެޗު އަންނަ ހޮނިހިރު ދުވަހު ކުޅޭނެ އިރު އެމެޗުގައި ވާދަކުރާނީ އިންގްލޭންޑާ ފްރާންސެވެ.
