މިހާރު ކުރިއަށްދާ ވޯލްޑްކަޕް މުބާރާތުގެ ފައިނަލް މެޗުގެ ހާފް ޓައިމް 20 ނުވަތަ 25 މިނެޓަށް ދެމިގެން ގޮސްދާނެ ކަމަށް ބީބީސީއިން ރިޕޯޓްކޮށްފިއެވެ.
ބީބީސީން ބުނެފައިވަނީ އެމެރިކާގެ ނިއު ޔޯކްގެ ނިއު ޖާޒީ ސްޓޭޑިއަމްގައި ކުރިއަށްދާ ފައިނަލް މެޗުގެ ހާފް ޓައިމްގައި އާއްމުކޮށް ކުޅުންތެރިންނަށް ލިބޭ 15 މިނެޓްގެ ބްރޭކްގެ އިތުރުން 11 މިނެޓްގެ ހާފް ޓައިމް ޝޯއެއް ކުރިއަށްދާނެ ކަމަށެވެ.
ފުޓްބޯޅައިގެ ގަވައިދުތައް ބުނާ ގޮތުން މެޗުގެ ތެރެއިން ކުޅުންތެރިންނަށް ލިބޭ ބްރޭކް ވާން ޖެހޭނީ ގިނަ ވެގެން 15 މިނެޓް ދިގު ބްރޭކަކަށެވެ.
މިކަން އަދި ފީފާއިން ކަށަވަރުކޮށް ދީފައި ނުވާ އިރު އެޖަމާއަތުގެ މަސްދަރުތަކާ ހަވާލާދީ ބީބީސިން ބުނެފައިވަނީ މި ހާފް ޓައިމް ޝޯގައި ޝަކީރާ، ބަރނާ ބޯއިގެ އިތުރުން މެޑޯނާ އަދި ކޭޕޮޕް ބޭންޑެއް ކަަމަށްވާ ބީޓީއެސްގެ ހުށަހަހެޅުންތައް ވެސް ފެނިގެންދާނެއެވެ. މީގެ އިތުރުން، ކެނެޑާގެ ލަވަ ކިއުންތެރިޔާ ޖަސްޓިން ބީބާއާ ކޯލްޑް ޕްލޭގެ ހުށަހަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް ވަނީ ރިޕޯޓްކޮށްފައެވެ.
ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދިއްތަ ދުވަހު ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ. މެޗުގެ ކުޅުން ފެށުމުގެ ދޮޅު ގަޑި އިރު ކުރިން މުބާރާތުގެ ކްލޯސިންގް ސެރަމޮނީ ފެށޭނެ ކަމަށް ބެލެވެއެވެ. މި ރަސްމިއްޔާތުގައި ހޮލީވުޑްގެ މަޝްހޫރު ތަރިން ކަމަށްވާ ޓޮމް ކްރޫޒް، ނިކޯލް ޝާޒިންގާ އަދި ރޮބީ ވިލިއަމްސް ފަދަ ފަންނާނުންގެ އިތުރުން އިންފުލުއެންޒާ އައިޝޯ ސްޕީޑްގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ވޯލްޑްކަޕް ފައިނަލުން ޖާގައެއް ރޭ ސްޕެއިން ވަނީ ކަށަވަރުކޮށްފައެވެ. ސްޕެއިން ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި 2-0 އިން ފްރާންސް ބަލިކޮށްގެންނެވެ. ފައިނަލްގައި ސްޕެއިން ކުޅެން ޖެހޭނީ ސެމީގެ ދެވަނަ މެޗުގައި މިރޭ އިންގްލޭންޑާ އާޖެންޓީނާ ކުޅެ މޮޅުވާ ޓީމަކާއެވެ. އެމެޗު އޮތީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ.
