ފީފާ ވޯލްޑްކަޕް 2026 ގެ ފައިނަލަށް ޔޫރަޕިއަން ޗެމްޕިއަންސް ސްޕެއިން ދަތުރުކޮށްފިއެވެ. ސްޕެއިން ފައިނަލަށް ދިޔައީ ސެމީގެ ފުރަތަމަ މެޗުގައި ފްރާންސްއާ ވާދަކޮށް 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ސްޕެއިން މުބާރާތުގެ ފައިނަލަށް ދިޔަ ފުރަތަމަ ފަހަރެވެ. އެފަހަރު ސްޕެއިން ވަނީ ފައިނަލްގައި 1-0 އިން ނެދެލޭންޑްސް ބަލިކޮށް ތަށި އުފުލާލާފައެވެ.

މެޗުގައި މޮޅަށް ކުޅުނީ ވެސް ސްޕެއިނުންނެވެ. ހާއްސަކޮށް މުބާރާތުގައި 16 ގޯލު ޖަހާފައިވާ ފްރާންސްގެ އެޓޭކްގައި ހިމެނޭ އެންމެ މުހިއްމު ކުޅުންތެރިން ހުއްޓުވުމުގައި ސްޕެއިންގެ ޑިފެންޑަރުން ދެއްކީ ހިތްވަރުގަދަ ކުޅުމެކެވެ. މިގޮތުން، ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭގެ އިތުރުން އުސްމާން ޑެމްބެލޭ އަދި މައިކަލް އޮލީސްއަށް ވެސް މިރޭގެ މެޗުގައި މާ މޮޅު ކުޅުމެއް ނުދެއްކުނެވެ.

މިރޭގެ މެޗުގައި ފްރާންސްގެ އެޓޭކްގެ މުހިއްމު ކުޅުންތެރިންނަށް މާ ރަނގަޅު ކުޅުމެއް ނުދެެއްކޭ/ފޮޓޯ: އެކްސް

މިރޭގެ މެޗުގައި ސްޕެއިންގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފްގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ ސްޕެއިންގެ ވިންގަރު ލަމީން ޔަމާލްއަށް އޭރިއާ ތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ސްޕެއިންއަށް ލީޑު ނަގާ ދިނީ މިކެލް އޮޔާޒަބާލްއެވެ. މިއީ އޭނާ މިމުބާރާތުގައި ޖެހި 5 ވަނަ ލަނޑެވެ.

ފްރާންސްގެ އޭރިއާ ތެރެއިން ލަމީން ޔަމާލްއަށް ކުރި ފައުލް/ފޮޓޯ: އެކްސް

ސްޕެއިންގެ ގޯލަށް ނުރައްކާވާ ފަދަ މާ ގިނަ ހަމަލާއެއް ފްރާންސަށް ފުރަތަމަ ހާފްގައި ނުއުފެއްދުނު އިރު ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނީ ސްޕެއިނުންނެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ލަނޑެއް ޖަހާ ލީޑު ފުޅާ ކުރިއެވެ. ޑެނީ އޮލްމޯގެ ރީތި އެސިސްޓަކުން މިލަނޑު ސްޕެއިންއަށް ކާމިޔާބުކޮށް ދިނީ ޑިފެންޑަރު ޕެޑްރޯ ޕޯރޯއެވެ.

މިއީ ޕޯރޯ މުބާރާތުގައި ޖެހި ދެވަނަ ލަނޑު/ފޮޓޯ: އެކްސް

މެޗުގައި ބާކި ގިނަ ވަގުތު އޮތް ނަމަވެސް ސްޕެއިންގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއް ފްރާންސްއަކަށް ނުވިއެވެ. އަދި ޖެހިޖެހިގެން ތިން ވަނަ ވޯލްޑްކަޕް ފައިނަލަކަށް ދިއުމަށް ފްރާންސުން ދެކެމުން އައި ހުވަފެން ބިލާހަކަށް ވެ 2-0 އިން ސްޕެއިން މެޗު ކާމިޔާބުކޮށް ފައިނަލަށް ދަތުރުކުރިއެވެ.

ފައިނަލްގައި ސްޕެއިން ކުޅޭނީ ސެމީގެ ދެވަނަ މެޗުގައި އިންގްލޭންޑާ އާޖެންޓީނާ ކުޅެ މޮޅުވާ ޓީމަކާއެވެ. މިމެޗު އޮންނަނީ މާދަމާ ރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ. ފްރާންސް ފައިނަލަށް ނުދިޔަ ނަމަވެސް މުބާރާތުގެ ތިން ވަނަ ހޮވާ މެޗުގައި އަދި ކުޅެން ޖެހޭނެއެވެ. ތިން ވަނަ ހޮވާ މެޗުގައި ވާދަކުރާނީ ސެމީގެ ދެވަނަ މެޗުން ބަލިވާ ޓިމާއެވެ.