މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް 2026 ގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗު މިރޭ އޮންނާނެއެވެ. ސެމީގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ޔޫރަޕިއަން ޗެމްޕިއަންސް ސްޕެއިން އަދި 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްގައި ކުޅެ ބަލިވި ފްރާންސެވެ. މި މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާ އިރުއެވެ. މި މެޗުން މޮޅުވާ ޓީމެއް ވޯލްޑްކަޕްގެ ފައިނަލްގައި ކުޅެން ޖެހޭނީ އިންގްލޭންޑް އަދި އާޖެންޓީނާ ކުޅެ މޮޅުވާ ޓިމަކާއެވެ. އެމެޗު އޮތީ މާދަމާ ރެއެވެ.
ފްރާންސް ނިކުންނާނީ 2024 ވަނަ އަހަރުގެ ޔޫރޯގެ ސެމީގެ ބައްޔަށް ބަދަލު ހިފުމަށް
2024 ވަނަ އަހަރުގެ ޔޫރޯ ތަށި އުފުލާލި ސްޕެއިންގެ ޓީމް ފައިނަލަށް ދިޔައީ ސެމީގައި ފްރާންސް 2-1 އިން ބަލިކުރުމަށް ފަހުއެވެ. އެހެން ނަމަވެސް، އެ މުބާރާތާ މިމުބާރާތުގައި ދެ ޓީމުގެ ފަރާތުން ފެންނަމުންދާ ކުޅުން ހާސް ގުނަ ތަފާތެވެ. ޔޫރޯ 2024 ގައި އެންމެ އަވަސް އަދި ބަލާ ހިތްވާ ކުޅުމެއް ފެނިގެން ދިޔައީ ސްޕެއިންގ ފަރާތުން ކަމަށް ވީ ނަމަވެސް މި ވޯލްޑްކަޕްގައި އެންމެ ގިނަ ބަޔަކަށް ކަމުދިޔައީ ފްރާންސްގެ ކުޅުމެވެ.
ރިއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ، ޕީއެސްޖީގެ އުސްމާން ޑެމްބެލޭ އަދި ބަޔާން މިއުނިކްގެ މައިކަލް އޮލީސީގެ ފަރާތުން ފެނިފައިވަނީ އެތަށް ސީޒަންތަކެއް ވަންދެން އެއްކޮށް ކުޅެމުން އަންނަ ފަދަ ކުޅުންތެރިންތަކެއްގެ ފަރާތުން ފެންނަ ފަދަ ކުޅުމެކެވެ. މީގެ ތެރެއިން ކޮންމެ ކުޅުންތެރިއަކީ ވެސް މެޗުގެ ކޮންމެ ވަގުތެއްގައި ވެސް ލަނޑެއް ޖެހުމުގެ ހުނަރު ހުރި ކުޅުންތެރިންނަށްވާ އިރު އެކަކު އަނެކަކަށް އެސިސްޓްކޮށް ދިނުމުގައި ވެސް މި ކުޅުންތެރިން ވަނީ މިސާލު ދައްކާފައެވެ.
އެހެން ކަމުން، މިރޭ ސްޕެއިންގެ ޑިފެންސް ހުޅުވާލުމަށް މި ތިން ކުޅުންތެރިން ވަރަށް މުހިއްމުވާނެ ކަމަށް ބެލެވެއެވެ. އަދި ޖެހި ޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑްކަޕް މުބާރާތެއްގެ ފައިނަލްއަށް ދިއުމަށް ފްރާންސުން ކުރާ މަސައްކަތުގައި މީގެ ތެރެއިން އެއް ކުޅުންތެރިއަކު ވިދާލާނެ ކަމަށް ވެސް ބެލެވެއެވެ.
ސްޕެއިންގައި އޮތީ އެންމެ ވަރުގަދަ ޑިފެންސް، ވަނީ އެންމެ ގޯލެއް
ސްޕެއިން މަޝްހޫރުވެފައިވަނީ އެޓޭކިންގް ރީތި ފުޓްބޯޅަ ކުޅެގެން މޮޅުވާން ނަމަވެސް މިފަހަރުގެ މުބާރާތުގައި މިފެންނަނީ ތަފާތު ސްޕެއިންއެކެވެ. ފުރަތަމަ މެޗުން ކާބޯ ވާޑޭ އަތުން 0-0 އިން އެއްވަރުވީ ފަހުން ދެން ކުޅުނު ހުރިހާ މެޗަކުން ސްޕެއިން މޮޅުވި އިރު މި މުބާރާތުގައި ސްޕެއިންގެ ކޮޅަށް ލަނޑެއް ވަދެފައިވަނީ ކުއާޓާ ފައިނަލްއާ ހިސާބުންނެވެ. އެއީ ވެސް އެންމެ ލަނޑެކެވެ.
މީގެ އިތުރުން، 2024 ވަނަ އަހަރުގެ ޔޫރޯގައި އެންމެ ހުނަރުވެރި އެއް ކުޅުމެއް ދެއްކި ލަމީން ޔަމާލްގެ ފަރާތުން އަދި މިފަހަރު އަދި މާ ރަނގަޅު ކުޅުމެއް ފެނިފައެއް ނުވެއެވެ. މުބާރާތަށް އައި އިރު ބާސަލޯނާގެ ޒުވާން ވިންގަރު އިންޖަރީއަކާއެކު ގައުމީ ޓީމާ ގުޅުނު އިރު ކްލަބްގައި ދައްކާ ކުޅުން ޔަމާލްއަށް އަދި ނުދެކިގެން މިއުޅެނީ މި ސަބަބަށްޓަކައި ކަމަށް ވެދާނެއެވެ. މިރޭގެ މެޗުގައި އޭނާގެ އަސްލުކުޅުން ފެނިގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ.
އޮ
ޔަމާލްއަށް ވުރެ މިމުބާރާތުގައި ސްޕެއިން އެންމެ މުުހިއްމު ކުޅުމެއް ދައްކާފައިވަނީ އާސަނަލްގެ މިޑްފީލްޑަރު މިކެލް މަރީނޯއެވެ. ޖެހިޖެހިގެން ދެ މެޗުގައި މަރީނޯ ވަނީ ދެވަނަ ހާފްގައި ކުޅެން އަރާ މެޗުގެ ފަހު ވަގުތު ލަނޑު ޖަހާ ސްޕެއިން މޮޅުކޮށްދީފައެވެ.
އެހެން ނަމަވެސް، ފްރާންސްގެ ވެސް އޮތީ ސްޕެއިން ނަގާފައި މިމުބާރާތުގައި ފެންނުނު އެންމެ ވަރުގަދަ އެއް ޑިފެންސެވެ. އެޓީމުގެ ކޮޅަށް ވެސް ވަދަފެފައިވަނީ އެންމެ ދެ ގޯލެވެ.
