މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ތޮށްޖެހުމުގެ ބޮޑު މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމުގެ ގޮތުން، ކަމާބެހޭ ހުރިހާ އިދާރާތަކެއް ގުޅިގެން ހާއްސަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިކޮނޮމިކް މިނިސްޓްރީ އާއި ޓްރާންސްޕޯޓް މިނިސްޓްރީ އެއްކޮށްލެއްވި އެއް މައިގަނޑު މަގްސަދަކީ ގްރޭޓާ މާލެ ސަރަހައްދުގެ ވިޔަފާރިއާ އިގްތިސާދީ ލޭންޑް ސްކޭޕަށް ކަންކަން ކުރަމުން ދާއިރު، އިޖްތިމާއީ ކަންކަމުގެ ތެރެއިން ރައްޔިތުން އެއްތަނުން އަނެއްތަނަށް ދިއުމުގައި ނުވަތަ 'މޮބިލިޓީ' ގައި ހުރި ދަތިތަކަށް ލުއިތަކެއް ހޯދައިދިނުން ކަމަށެވެ. މި މަސައްކަތުގައި، ކަމާ ބެހޭ މުއައްސަސާތަކާއެކު ކޯޑިނޭޓް ކުރެވިގެން ދުރުރާސްތާގެ ނަތީޖާއެއް ނެރުމަކީ ސަރުކާރުގެ އަމާޒެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މެންޑޭޓުގެ ދަށުން އިކޮނޮމިކް މިނިސްޓްރީން މިހާރު ވަނީ މިނިސްޓްރީ އޮފް ހައުސިން، މިނިސްޓްރީ އޮފް އެންވާރަމެންޓް، ފުލުހުންގެ އިދާރާ، އެޗްޑީސީ އަދި އެޓާނީ ޖެނެރަލްގެ އޮފީހާ ގުޅިގެން މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. މި މަޝްވަރާތަކާއެކު މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތަކުން އަރައިގަތުމަށް މިހާރު "ގްރޭޓާ މާލެ އޭރިއާ މޮބިލިޓީ ޓްރާންސްފޯމޭޝަން ޕްލޭން" އެކުލަވާލައިފާވާކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މި ގޮންޖެހުންތަކުން އަރައިގަތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މިހާރު އޮތް މައްސަލައިގެ ހަގީގަތް ގަބޫލުކުރުން ކަމަށެވެ. އާންމު ރައްޔިތުންނާއި، ސްކޫލްތަކުގެ ޓީޗަރުންނާއި، ހޮސްޕިޓަލްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށްވެސް މި ދަތިތަކާ ކުރިމަތިލާންޖެހޭކަން ފާހަގަކުރައްވައި، މާލޭގައި ދުއްވޭނީ ކިހާ އަދަދެއްގެ އުޅަނދުތަކެއްތޯ ކަނޑައަޅަން ބެލި ނަމަވެސް ހުރިހާ މުއައްސަސާތަކަކުން އެއްބަސްވާ، ތަފްސީލީ ހައްލެއް ހޯދަންޖެހޭ ކަމަށް ވިދާޅުވިއެވެ.

މި މަސައްކަތްތައް ހަރުދަނާކޮށް ސެންޓްރަލައިޒްޑް ނިޒާމެއްގެ ދަށުން ކުރިއަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރު ވަނީ "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" އުފައްދަވާފައެވެ. މިނިސްޓަރު ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާނެ މި އޮފީހުގެ ބޭނުމަކީ އިތުރު މުވައްޒަފުން ނެގުމުގެ ބަދަލުގައި، މިހާރު ހުރި މުއައްސަސާތަކުގެ ރިސޯސްތައް ބޭނުންކޮށްގެން ކޯޑިނޭޓް ކުރެވިފައިވާ މަސައްކަތްތަކެއް ކުރުން ކަމަށެވެ.

ކުރިއަށް އޮތް ތަނުގައި ކުރެވޭނެ އަމަލީ މަސައްކަތްތަކާ ބެހޭގޮތުން މިނިސްޓަރު ވިދާޅުވީ، މާލޭގެ ތޮއްޖެހުން ކުޑަކޮށް ޓްރެފިކް ބެލެހެއްޓުމަށް ޓްރެފިކް ފުލުހުންނާއެކު ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރެވޭ ނިޒާމެއް ތައާރަފްކުރެވޭނެ ކަމަށެވެ. އަދި މާލޭގެ މަގުތަކުގައި ނުގަވާއިދުން ޕާކްކުރުން ހުއްޓުވުމަށް ސިޓީ ކައުންސިލާ ގުޅިގެން މަގުތައް ކުރަހައި، ޕާކިން ބިލްޑިންތަކާއި މެކޭނިކަލް ޕާކިން ފަދަ ވަސީލަތްތައް އިތުރުކުރަން މަސައްކަތް ކުރަމުންދާ ކަމަށެވެ. މި ހުރިހާ މުއައްސަސާތަކެއް ގުޅިގެން ބާރު ސްޕީޑެއްގައި މާލެ ސަރަހައްދުގެ މަގުތަކަށް ދިމާވެފައިވާ ތޮށްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރު ސައީދު ވަނީ ދެއްވާފައެވެ.