މުޖުތަމައު ބަލައިގަންނަ، އަހުލާގީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަރާފައިވާ ގައުމުތަކުގެ ކާމިޔާބު ތަރުބަވީ އުސޫލުތައް ރާއްޖޭގެ މަދަރުސާތަކުގައި ތަންފީޒުކުރުން ކޮންމެހެން ބޭނުންތެރިކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025" ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އާދަތައް އަށަގަންނުވައި، ސުލޫކީ މިންގަނޑުތައް ހަރުދަނާކުރުމަކީ މުޅި މުޖުތަމައުގެ އެހީތެރިކަމާ ނުލައި ފުރިހަމަވާނެ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ތައުލީމީ ދާއިރާގައި ދުނިޔޭގެ މަޝްހޫރު ބާމިންހަމް ޔުނިވާސިޓީން ހަދާފައިވާ ދިރާސާއަކާ ހަވާލާދެއްވަމުން ފާހަގަކުރެއްވި ގޮތުގައި، ތައުލީމީ ދާއިރާގެ 97 ޕަސެންޓް މީހުން ގަބޫލުކުރާ ގޮތުގައި އަހުލާގީ ތަރުބިއްޔަތަކީ ސްކޫލްތަކުން ވަކިން ކިޔަވައިދޭންޖެހޭ މުހިންމު ބައެކެވެ. ކުރިއަރާފައިވާ އެހެން ގައުމުތަކުގައިވެސް މިފަދަ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގަމުންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ މުޖުތަމައު ބަލައިގަންނަ، އަހުލާގީ ގޮތުން ފުރިހަމަ ޖީލެއް ބިނާކުރުމަށްޓަކައި މިފަދަ ބައިނަލްއަގުވާމީ އުސޫލުތައް ނަކަލުކުރުން މުހިންމުކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މި މަސައްކަތަކީ ހަމައެކަނި ކުލާސްރޫމުގެ ތެރޭގައި ނިންމާލެވޭނެ ކަމެއް ނޫން ކަމަށާއި، ބެލެނިވެރިންނާއި މުޅި މުޖުތަމައު ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ މުދައްރިސުންނަށާއި ބޮޑެތި މީހުންނަށް އިޚުތިރާމްކުރާ، އަދަބުވެރި ދަރިވަރުންތަކެއް ނުއުފެއްދޭނެ ކަމަށެވެ. "ބިންގާ" ޕްރޮގްރާމުގެ ތެރެއިން އުފައްދަން ބޭނުންވަނީ ހަމައެކަނި އިލްމީ ގޮތުން ކުރިއަރާފައިވާ ކުދިންނެއް ނޫން ކަމަށާއި، އެއީ ހުރިހާ ގޮތަކުންވެސް ޒިންމާދާރު، ނަމޫނާ ދިވެހި ދަރިންތަކެއް ކަމަށް މިނިސްޓަރުގެ ވާހަކަފުޅުގައި ބަޔާންކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "ބިންގާ" ތަރުބަވީ ޕްރޮގްރާމުގެ ކާމިޔާބީގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި މި ޕްރޮގްރާމުގެ ފުރަތަމަ ޓާމު ނިމިފައިވާއިރު، މި މުއްދަތުގެ ތެރޭގައި އެކަނިވެސް 3،900 އަށްވުރެ ގިނަ ހަރަކާތް ވަނީ ހިންގާފައެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، މި ހަރަކާތްތައް ބައްޓަންކޮށްފައިވަނީ ނަމާދު ކުރުމާއި، އޯގާތެރިކަމާއި، ގައުމީ ރޫހު އާލާކުރުމާއި، ޒިންމާދާރުކަމުގެ އިތުރުން ތެދުވެރިކަމާއި ސާފުތާހިރުކަން ފަދަ މުހިންމު ސިފަތައް ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށެވެ.
