އުމުރުން ދުވަސްވީ މީހުން ނިސްބަތުން ގިނަ އާބާދީއަކާ ދިމާއަށް ދިވެހިރާއްޖެ މިސްރާބުޖަހާފައިވާ މި ދަނޑިވަޅުގައި، ސިއްހީ އޮނިގަނޑުތައް ދަމަހައްޓައި އެ އާބާދީއަށް އެއްބާރުލުންދިނުމަށްޓަކައި، ޒުވާނުންގެ ސިއްހަތަށް ވުނަކުރުމަކީ ލާޒިމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ފާހަގަކުރައްވާފައިވަނީ، ދުނިޔޭގެ އާބާދީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ. ސަރުކާރުން ޒުވާނުން ކުރިއެރުވުމަށް ހާއްސަ ސަމާލުކަމެއް ދެމުންދާ މި ދަނޑިވަޅުގައި، ގައުމުގައި އިތުރުވަމުންދާ ދުވަސްވީ މީހުންގެ އާބާދީއަށް އެއްބާރުލުންދިނުމަށްވެސް ތައްޔާރުވާންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، މިއަދުގެ ޒުވާނުންގެ ކިބައިގައި ދުޅަހެޔޮ އާދަތައް އަށަގަންނުވައިގެން، ދިގުދެމިގެންދާ ބަލިމަޑުކަމުން ޒުވާނުން ރައްކާތެރިކޮށް، ދުވަސްވުމާ ގުޅިގެން ކުރިމަތިވާ ބަލިމަޑުކަމާ ކުރިމަތިލާންޖެހޭ އުމުރު ފަސްކުރުމަށް މަސައްކަތްކުރުމުން، އުފެއްދުންތެރި މަސައްކަތްތެރީންނާއި މަދަދުވެރީން ބިނާކުރެވޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ކެއާ އިކޮނޮމީގައި ވުނަކުރުމުގެ މުހިންމުކަމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. މިފަދަ ވުނަކުރުމުން، ދުވަސްވީ މީހުންނަށް ފެންވަރު ރަނގަޅު ސިއްހީ ފަރުވާ ކަށަވަރުކޮށްދީ، އެފަދަ ފަރާތްތަކަށް ބޭނުންވާ އިޖުތިމާއީ އެއްބާރުލުން ފޯރުކޮށްދީ، އާއިލާތަކަށް، ވަކީން ހާއްސަކޮށް އަންހެނުންނާ އަންހެންކުދީންނަށް، އާމްދަނީއެއް ނުލިބޭ ގޮތަށް މީހުން ބެލުމަށް އޮންނަ އިލްތިޒާމު ލުއިކޮށްދެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިފަދައިން މީހުންނަށް އަޅައިލުމުގެ ހިދުމަތްތައް ހަރުދަނާކޮށްދީގެން، އިންސާނީ ކަރާމާތް ނަގަހައްޓައި، ދުވަސްވީ މީހުންނަށް މަސައްކަތްތެރި އާބާދީގައި ބައިވެރިވުމުގެ ފުރުސަތުދީ، މިހާރަށްވުރެ ވިލުންތެރި، ޝާމިލު އަދި ފާގަތި ދިވެހިރާއްޖެއެއް ބިނާކުރެވިދާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދެމެހެއްޓެނިވި ތަރައްގީ ބަރޯސާވަނީ ހަމައެކަނި އާބާދީގެ ކުޑަބޮޑުމިނުގެ މައްޗަށް ނޫންކަން ފާހަގަކުރައްވައި، ދެމެހެއްޓެނިވި ތަރައްގީއަކީ، ގައުއުމެއްގެ ޒުވާނުންގެ ފުރިހަމަ ގާބިލިއްޔަތު ބޭނުންކުރުމަށް ޒުވާނުން ބާރުވެރިކޮށްދެވޭ މިންވަރުގެ މައްޗަށްވެސް ބަރޯސާވާކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖެ މިއަދު މި ވަނީ، އާބާދީގެ ނިސްބަތްތައް ބަދަލުވަމުންދާ މުހިންމު އިންތިގާލީ މަރުހަލާއެއްގައިކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، މޯލްޑިވްސް 2.0 މަސައްކަތުގެ ތެރެއިން އާންމު ހިދުމަތްތައް ޒަމާނީކޮށް، ސުމޭކު ބިނާރު ތަރައްގީކޮށް، ހަރުދަނާ ސުމޭކު އިގުތިސާދެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވިދާޅުވެފައެވެ. ދިވެހިރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 39 އިންސައްތައަކީ ޒުވާނުންކަމުގައި ވާހިނދު، ޒުވާނުންނަށް ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދީ، މާނަހުރި ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަކީ، މި ސަރުކާރުން އަހުމިއްޔަތުދޭ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އިންސާނީ ތަރައްގީގެ މި ލަނޑުދަނޑިތަކާ އެކުއެކީ، އާބާދީގެ އަދާހަމަ ތަފާސްހިސާބު އެއްކޮށް، ތަރައްގީގެ ސިޔާސަތުތައް ބިނާކުރެވެނީ މުޖުތަމައަށް ބޭނުންތެރި ކަންކަމުގެ މައްޗަށްކަން ކަށަވަރު ކުރެވެމުންދާންޖެހޭނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން، އާބާދީއާ ގުޅުންހުރި ސައްހަ އަދި އެންމެ ފަހުގެ މައުލޫމާތު ރަށުފެންވަރުގައި އަދާހަމަކުރެވޭނޭފަދަ ގޮތަކަށް އިދާރީ ދަފުތަރުތައް ހަރުދަނާކޮށް، ހެކީގެ މައްޗަށް ބިނާކޮށްގެން ނިންމުންތައް ނިންމުން އިތުރުކޮށް، ހިންގުމުގެ ހަރަދު ކުޑަކޮށް، ދައުލަތުގެ ކުރުންތެރިކަން މިހާރަށްވުރެ އިތުރުކުރުމުގެ މަސައްކަތް ކުރިއަށްދާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އެއްވެސް މީހެއް ބާކީނުވާނޭކަން ކަށަވަރު ކުރުމަށް ގެނެވޭ ގާނޫނީ އިސްލާހުތަކުން ބާރު ލިބިގެން، އަދި ޝާމިލު މަގުޗާޓެއްގެ އެހީގައި، 2030 ވަނަ އަހަރުގެ ބޯހިމެނުން ކުރިއަށްގެންދަވަން ގަސްދުކުރައްވަނީ، އިދާރީ ދަފުތަރުތަކާއި، ބޯހިމެނުމުގައި މިހާތަނަށް ގެންގުޅެމުން ދިޔަ އުސުލުތައް އެކުލަވާލައިގެން ގާއިމުކުރެވޭ ހައިބްރިޑް އުސޫލަކުންކަމުގައި އެމަނިކުފާނު ހާމަކުރެއްވިއެވެ.