ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު ނިމިގެންދާއިރު، އެ ޕާޓީގެ ބަދަހިކަން މުޅި ރާއްޖެއަށް ފެނިގެންދާނެ ކަމަށް އެ ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ޕީއެންސީގެ އެތެރޭގެ އިންތިހާބުގެ ވޯޓުލުމާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، މިއީ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބާއްވާ އެންމެ ބޮޑު އެތެރޭގެ އިންތިހާބު ކަމަށެވެ. އަދި މިފަދަ ބޮޑު އިންތިހާބަކަށް ތައްޔާރުވާން ލިބުނީ މަހެއްހާ ދުވަސް ކަމުގައި ވީނަމަވެސް، އިންތިޒާމުތައް ފުރިހަމަވެފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ.

"މި އިންތިޒާމުތައް މިހާ ފުރިހަމައަށް ކުރިއަށް ދަނީ ޕާޓީގެ ކޮންގްރެސްގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ބުރަ މަސައްކަތުން. އަދި ހާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިކަމަށް ދެއްވާ ސަމާލުކަމުގެ ސަބަބުން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޕާޓީގެ ހަރަކާތްތަކުގައި މަޖިލިސް މެންބަރުންނާއި، ސަރުކާރުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އެމްޑީން ވަރަށް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވައެވެ. މިއީ ސަރުކާރެއް ހިންގާ ޕާޓީއަކުން ވެރިކަމުގެ ކުރީކޮޅު މިފަދަ ބޮޑު އިންތިހާބެއް ބާއްވާ ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި، އަބްދުއްރަހީމް ވިދާޅުވީ މީގެ ކުރިން ޕީޕީއެމް އާއި އެމްޑީޕީން ވެސް ކޮންގްރެސް ބާއްވާފައިވަނީ ވެރިކަމަށް ފަހުގައި ކަމަށެވެ.

މި އިންތިހާބުގައި 2300 އަށްވުރެ ގިނަ މީހުން ވާދަކުރާއިރު، މިއީ ޕާޓީގެ މެންބަރުންގެ މެދުގައި ރައީސް މުއިއްޒަށް އޮތް ބޮޑު އިތުބާރެއްގެ ރަމްޒެއް ކަމަށް އަބްދުއްރަހީމް ސިފަކުރެއްވިއެވެ. އަދި ވާދަވެރިން ޕާޓީގައި ރެނދު އަޅާފައިވާ ކަމަށް ބުނި ނަމަވެސް، މި އިންތިހާބު ނިމޭއިރު ޕާޓީ އޮންނާނީ ކުރިއަށްވުރެ ބަދަހިކޮށް ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ 131 ރަށެއްގައި މިއަދު ހެނދުނުން ފެށިގެން ވޯޓުލުން ކުރިއަށްދާއިރު، އެކި މަގާމުތަކަށް ޖުމްލަ 2500 އެއްހާ ކެންޑިޑޭޓުން ވާދަކުރެއެވެ. ޕީއެންސީން ބުނި ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހަވީރު 04:00 އާ ހަމައަށެވެ. އަބްދުއްރަހީމް އުންމީދު ކުރައްވަނީ މި އިންތިހާބަކީ ސިޔާސީ މައިދާނުގައި ނަމޫނާ، އަމާން އަދި ކާމިޔާބު އިންތިހާބަކަށް ވެގެންދިއުމަށެވެ.