ވޯލްޑްކަޕް 2026 ގެ ކުއާޓާ ފައިނަލްގެ ފުރަތަމަ މެޗަށް ފްރާންސް އަދި މޮރޮކޯ ތައްޔާރުވެއްޖެއެވެ. މިރޭ ރާއްޖޭ ގަޑިން ދަންވަރު 1 ޖަހާ އިރު ފަށާ މިމެޗުން މި ފަހަރުގެ މުބާރާތުގެ ސެމީއަށް ދާ ހަތަރު ޓީމުގެ ތެރެއިން އެއް ޓީމު އެނގިގެންދާނެއެވެ.
މި ދެ ޓީމަކީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ކުއާޓާގައި ވާދަކޮށް ސެމީއަށް ވެސް ދަތުރުކުރި ދެ ޓީމެވެ. އެފަހަރު ސެމީއާ ހިސާބުން މި ދެޓީމު ކުޅެން ޖެހުނު އިރު އެފަހަރުގެ ކުރިމަތިލުން ފަސޭހަ ކަމާއެކު ކާމިޔާބުކުރީ ފްރާންސުންނެވެ.
އެހެން ކަމުން މިރޭގެ ކުރިމަތިލުމަކީ ހަތަރު އަހަރު ފަހުން ބަދަލު ހިފަން މޮރޮކޯއަށް ލިބޭ ރަނުގެ ފުރުސަތެކެވެ. މޮރޮކޯއިން މުބާރާތުގެ ކުއާޓާއަށް އައިސްފައިވަނީ އެއްވެސް މެޗަކުން ބަލިނުވެއެވެ. ކުޅުނު ފުރަތަމަ މެޗުގައި ބްރެޒިލްއާ ވާދަކޮށް 1-1 އިން އެއްވަރުވި އިރު ގްރޫޕް ސްޓޭޖްގައި ދެން ކުޅުނު ދެ މެޗުން މޮރޮކޯ މޮޅުވިއެވެ. މުބާރާތުގެ ދެވަނަ ބުރުގައި މޮރޮކޯ ވަނީ ޕެނަލްޓީ ޖަހައިގެން ނެދެލޭންޑްސް ކަޓުވާލާފައެވެ. އަދި ގަދަ 16 ގައި 3-0 ގެ ސްކޯލައިނަކުން މޮރޮކޯއިން މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ ކެނެޑާ ކަޓުވާލިއެވެ.
މިރޭގެ މެޗުގެ ކުރިން މޮރޮކޯއަށް ލިބުނު އެންމެ ހިތާމަވެރި އެއް ހަބަރަކީ ކެނެޑާ މެޗުގައި އަނިޔާވި ފޯވަޑް އިސްމާއިލް ސައިބާރީއަށް މިރޭގެ މެޗެއް ނޭރެކަން ކަށަވަރުވުމެވެ. އެހެން ނަމަވެސް، ކެނެޑާ މެޗުގައި ވެސް މޮރޮކޯއިން ތިން ލަނޑު ވެސް ޖެހީ ސައިބާރީ ދަނޑުން ފޭބިފަހުންނެވެ. އެހެން ކަމުން އޭނާއާ ނުލާ ފްރާންސް ބަލިކުރެވިދާނެ ކަމަށް މޮރޮކޯއިން ދެކޭނެއެވެ.
މުބާރާތުގެ އެއް ފޭވަރިޓުން ކަމަށްވާ ފްރާންސް ކުއާޓާއަށް އައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އަދި އެޓީމުން ވަނީ އެއް މެޗު ފިޔަވާ ހުރިހާ މެޗެއްގައި މަދުވެގެން 3 ލަނޑު ޖަހާފައެވެ. އެއަށް ވުރެ ގިނައިން ލަނޑު ނުޖެހުނީ ގަދަ 16 ގައި ޕެރަގުއޭއާ ކުޅުނު މެޗުގައެވެ. އެމެޗުގައި ޕްރެގުއޭގެ ކުޅުންތެރިން ފްރާންސްގެ ކުޅުންތެރިންނަށް އާދިޔާ ހިލާފު ގިނައިން ފައުލްކޮށް ހެދި އިރު އެމެޗުން ފްރާންސް މޮޅުވީ ލިބުނު ޕެނަލްޓީއެއް ޖަހައިގެންނެވެ.
މިރޭގެ މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅެން ޖެހޭނީ މާދަމާ ދަންވަރު ސްޕެއިން އަދި ބެލްޖިއަމް ކުޅޭ މެޗުން މޮޅުވާ ޓިމަކާއެވެ.
