ޗައިނާ ސަރުކާރުގެ އެހީގައި ދިވެހިރާއްޖެއަށް ކުޅިވަރު ސާމާނު ހަދިޔާކޮށްފިއެވެ.
"ޔޫތު ހަބް" ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޗައިނާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ވަނީ ކުޅިވަރުގެ ތަފާތު 21 ބާވަތެއްގެ ސާމާނު ހަދިޔާކޮށްފައެވެ.
މި ތަކެއްޗާ ހަވާލުވުމުގެ ގޮތުން ސޮއިކުރަންޖެހޭ "ޑޮކިއުމަންޓް އޮފް އެކްނޮލެޖްމަންޓް" ގައި ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިއަންހުއާ އެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް، އަބްދުﷲ ރާފިއު އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު، ސަފީރު ކޮންގް ޝިއަންހުއާ ވަނީ ރަސްމީކޮށް މި ކުޅިވަރު ސާމާނުތައް މިނިސްޓަރު ރާފިއުއާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރުގެ އިތުރުން މިނިސްޓާ އޮފް ފޮރިން އެފެއާޒް އިރުތިޝާމް އާދަމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ޔޫތް މިނިސްޓްރީން ބުނި ގޮތުގައި މި ސާމާނުތަކުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެއެވެ.
މީގެ ކުރިންވެސް އެކި ފަހަރުމަތިން ޗައިނާ ސަރުކާރުން ވަނީ ކުޅިވަރުކުޅޭ އެކި ސާމާނު ދިވެހި ސަރުކާރަށް ހަދިޔާ ކޮށްފައި ވެއެވެ. އެގޮތުން މިދިޔަ އަހަރުވެސް ޗައިނާ ސަރުކާރުން ވަނީ ގިނަ އަދަދެއްގެ ފުޓްބޯޅަ އާއި ސްޓާޓިން ބްލޮކްތަކާއި ހާޑަލްސް އާއި މެނުއަލް ޓައިމްކީޕިން ސާމާނާއި ސްކޯ ބޯޑާއި، ޓޭބަލް ޓެނިސް ރެކެޓާއި ޓޭބަލް ޓެނިސް ބޯޅަ އަދި ޖަޖުންނަށް ހާއްސަ ގޮނޑި ހަދިޔާ ކޮށްފައެވެ.
