މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު، އިންޑިއާގެ މިނިސްޓާ އޮފް ކޮމާސް އެންޑް އިންޑަސްޓްރީ ޕިޔޫޝް ގޯޔަލްގެ ދައުވަތަކަށް އެގައުމަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ރަސްމީ ބައިލެޓްރަލް މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ފާހަގަކުރައްވައި، ވިޔަފާރިއާއި، އިންވެސްޓްމަންޓް އަދި ދެމެހެއްޓެނިވި އިގްތިސާދީ ތަރައްގީގެ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ދެ މިނިސްޓަރުން ވަނީ ވާހަކަދައްކަވާފައެވެ.
އެގޮތުން އިންޑިއާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ރަސްމީ މަޝްވަރާތައް ފައްޓަވާފައިވާއިރު، ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީ (ބީއައިޓީ) ނުވަތަ ދެގައުމުގެ ދެމެދުގައި ކުރެވޭ އިންވެސްޓްމަންޓްތައް ރައްކާތެރިކުރުމުގެ އެއްބަސްވުން ފައިނަލްކުރުމާ ގުޅޭގޮތުންނާއި، ވިޔަފާރި އިތުރަށް ހަރުދަނާކުރުމަށްޓަކައި ފެށުމަށް ގަސްތުކުރާ އާ އިސްނެގުންތަކާ ބެހޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި ވާހަކަދައްކަވާފައެވެ.
މިކަމާ ގުޅިގެން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގެންގުޅުއްވާ ތަސައްވުރާ އެއްގޮތަށް، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން ބަދަހިކޮށް ދެ ފަރާތަށްވެސް ފައިދާހުރި ކުރިއެރުންތަކެއް ހޯދުމަށް ދެ ގައުމުން ބަހައްޓާ އަހައްމިއްޔަތުކަން ހާމަކޮށްދޭކަމެއް ކަމަށެވެ.
ސައީދު ވަނީ އިންޑިއާގެ މިނިސްޓަރު ޕިޔޫޝް ގޯޔަލް ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދެ ގައުމުގެ ގުޅިފައިވާ ތަސައްވުރު ހަގީގަތަކަށް ހަދައި، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ލާބަޔާއި މަންފާ ލިބިދޭނެ ފަދަ ނަތީޖާތަކެއް ނެރުމަށްޓަކައި އެކުގައި ގާތުން މަސައްކަތްކުރަން ތައްޔާރަށް ހުރިކަންވެސް ވަނީ ފާހަގަކުރައްވާފައެވެ.
