މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅުވާލުމަށް ކުރިއަށްގެންދާ "ތިލަމާލެ ބްރިޖް" މަޝްރޫއުގެ ބޮޑު ބައެއް ނިމި، މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން ހައުސިން މިނިސްޓްރީން ބުނީ، މި ބިޔަ މަޝްރޫއުގެ ޖުމްލަ 74.90 ޕަސެންޓް މަސައްކަތް މިހާތަނަށް ފުރިހަމަކޮށްފަިއވާ ކަމަށެވެ. މިވަގުތު ސައިޓުގައި އެންމެ އިސްކަމެއް ދީގެން ކުރިއަށް ދަނީ ބްރިޖް ޑެކަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، އެ ތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

ބްރިޖް ޑެކަށް ބޭނުންވާ ޖުމްލަ 1,222 ސެގްމަންޓްގެ ތެރެއިން 90.4 ޕަސެންޓް ސެގްމަންޓް މިހާރު ކާސްޓްކޮށް ނިމިފައިވާއިރު، މީގެ ތެރެއިން 72.9 ޕަސެންޓް ސެގްމަންޓް ވަނީ ކަނޑުގެ ސަރަހައްދުގައި އިންސްޓޯލްކޮށް ނިންމާފައެވެ. މީގެ އިތުރުން، ގުޅީފަޅުގައި ބްރިޖާ ގުޅޭ މަގުތައް ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު، ތިލަފުށީގައި ކުރިއަށްދަނީ ބްރިޖާ ގުޅިގެން ޖަހަންޖެހޭ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްތަކެވެ.

ނިމިދިޔަ ސަރުކާރުން ފެށި މި މަޝްރޫއު ލަސްވުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާތައް އަމާޒުވެފައި ވަނިކޮށް، ނޮވެމްބަރު 16، 2023 ގައި ކުރީގެ ސަރުކާރުން ވަނީ އިންޑިއާގެ އެފްކޯންސް ކުންފުންޏާއެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި މަސައްކަތް ނިންމަން ސެޕްޓެމްބަރު 30، 2026 އޮތް ނަމަވެސް، މިހާރުގެ ސަރުކާރުން ބުނެފައިވަނީ އެ ތާރީހަށް މަސައްކަތް ނުނިންމޭނެ ކަމަށެވެ.

މިކަމާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެފަިއ ވަނީ، އެކި ސަބަބުތަކާ ހުރެ އެފްކޯންސް އިން އެދިގެން މަޝްރޫއު ނިންމާ ތާރީހު 2027 ގެ ނިޔަލަށް ބަދަލުކުރުމަށް މިހާރު މަޝްވަރާ ކުރަމުންދާ ކަމަށެވެ. މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ކޮންޓްރެކްޓަރަށް ޖޫރިމަނާއެއް ނާންނާނެ ގޮތަކަށް މުއްދަތު އިތުރުކޮށްދީގެން، 2027 ގެ ނިޔަލަށް ބްރިޖްގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލުމެވެ.

"މިވަގުތު އެއްވެސް ބައެއްގެ މަސްލަހަތެއް ނޫން ޕްރޮޖެކްޓް ހުއްޓިގެން ދިއުމަކީ. އެއްބައި ރޭވިފައިވާ ބްރިޖް ޕްރޮޖެކްޓަކީ ބްރިޖެއް ނެތް ފަދަ ކަމެއް. އެހެންކަމުން ބްރިޖް ވީހާ ވެސް އަވަހަކަށް ނިންމުމަށް ކޮންޓްރެކްޓަރަށް ވެދެވެން އޮތް އެހީތެރިކަމެއް ވެދީގެން ކުރުމަކީ ސަރުކާރުން އެންމެ ބޮޑަށް ވިސްނަމުންދާ ކަންކަން،" މިނިސްޓަރު ވިދާޅުވިއެވެ.

މި ބްރިޖަކީ ފުން ހިސާބުތަކުގައި 1.41 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން، 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖަކާއެކު ތަރައްގީކުރާ ބިޔަ މަޝްރޫއެކެވެ