ތިލަމާލެ ބުރިޖު މަޝްރޫއުގެ ކޮންޓްރެކްޓަރު ކަމަށްވާ އެފްކޯންސްއަށް ޖޫރިމަނާއެއް ނާންނާނެ ގޮތަކަށް އެ މަސައްކަތް ނިންމާނެ ސީދާ ތާރީހެއް ކަނޑައެޅުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޥާހަކަ ދައްކަވަމުން މުއްތަލިބް ވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން ތެލާއި މުދަލުގެ އަގުތައް އުފެލެމުން ދިއުމުން ސަރުކާރުން ހިންގާ ބައެއް މަޝްރޫއުތަކުގެ ޓައިމްލައިނަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަން ހާމަކުރައްވާފައެވެ. އެއަށްފަހު މިހާރު ހިންގަމުންދާ މަޝްރޫއުތަކުގެ ތަފްސީލް ދެއްވަމުން މުއްތަލިބް ވަނީ ތިލަމާލެ ބްރިޖް މަސައްކަތާ ގުޅޭ ގޮތުން ތަފްސީލެއް ދެއްވާފައެވެ.
އެކި ސަބަބުތަކާ ހުރެ އެފްކޯންސް އިން އެދިގެން މަޝްރޫއު ނިންމާ ތާރީހް ބަދަލު ކުރަން ސަރުކާރުން ނިންމާފައިވާ އިރު، މިހާރުގެ އެސްޓިމޭޓް ތާރީހަކީ 2027ގެ ނިޔަލަށް ކަމަށް މުއްތަލިބް ފާހަގަކުރެއްވިއެވެ. އެގޮތުން މިހާރު ކުރަމުންދާ މަސައްކަތަކީ ބްރިޖުގެ މަސައްކަތް ނުހިއްޓި ކުރިއަށް ގެންދިއުމައްޓަކައި މި މަޝްރޫއުގެ ކޮންޓްރެކްޓަރަށް އެއްވެސް ޖޫރިމަނާއެއް ނާންނަގޮތަށް މުއްދަތު އިތުރު ކުރުމަށް މަޝްވަރާކުރުން ކަމަށް މުއްތަލިބް ވިދާޅުވިއެވެ. އެގޮތުން 2027ގެ ނިޔަލަށް ބްރިޖު ނިންމައި އެ ބްރިޖު އާންމުންނަށް ހުޅުވާ ލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ބޭނުންވަނީ ބްރިޖުގެ މަސައްކަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުން ކަމަށާއި މިހާތަނަށް އެ ބްރިޖުގެ 72 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް މުއްތަލިބް ވިދާޅުވިއެވެ. މިހާރު ވެސް ބްރިޖުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާއިރު، ވިލިމާލެއާއި ާލެ ގުޅުވާލަދޭ ބްރިޖުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނާނެ ކަމަށް މުއްތަލިބް ވިދާޅުވިއެވެ.
މުޅި ބްރިޖުގެ 71.60 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، މިހާރު މައިގަނޑު މަސައްކަތެއްގެ ގޮތުގައި ސައިޓުގައި ކުރަމުންދަނީ ބްރިކް ޑެކްއަށް ބޭނުންވާ ސެގްމަންޓްތައް ކާސްޓްކުރުމާއި، ސެގްމަންޓްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ކަމަށެވެ. ބްރިޖް ޑެކްއަށް ބޭނުންވާ 1222 ސެގްމަންޓްސްގެ ތެރެއިން މިހާތަނަށް 84 ޕަސެންޓް ސެގްމަންޓްސް ކާސްޓްކޮށް ވަނީ ނިމިފައި ކަމަށާއި 54 ޕަސެންޓް ސެގްމަންޓްސް އިންސްޓޯލްކޮށް ވަނީ ނިމިފައި ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
މި ބްރިޖަކީ ފުން ހިސާބުތަކުގައި 141 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، ތިލަ ހިސާބުތަކުގައި އަދި އެއްގަމުގައި 2.32 ކިލޯމީޓަރުގެ މެރިން ވިއަޑަކްޓް، އަދި 2.96 ކިލޯމީޓަރުގެ އެޓް-ގްރޭޑް މަގުތަކެއް ހިމެނޭހެން ހަތަރު ރަށުގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގައި ހަދާ 140 މީޓަރުގެ ދިގު ނެވިގޭޝަން ބްރިޖެކެވެ.
ނިމިދިޔަ ސަރުކާރުން ފެށި ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ލަސްވެ އެތައް ބައެއްގެ ޝަކުވާތައް ކުރަމުން ދިޔަ އިރު، ނޮވެމްބަރު 16، 2023 ގައި ނިމިދިޔަ ސަރުކާރުން ވަނީ އެފްކޯންސް ކުންފުންޏާ އެކު ސަޕްލިމަންޓަރީ ބަޖެޓެއްގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުން ދައްކާ ގޮތުގައި މުޅި ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބުނާ ތާރީހަކީ ސެޕްޓެމްބަރު 30، 2026 ކަމަށް މީގެ ކުރިން ސަރުކާރުން ވަނީ ބުނެފައެވެ. މިއަދު ރައީސް ވަނީ އެ މުއްދަތު އަންނަ އަހަރަށް ބަދަލުކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ސީދާ ތާރީހެއް ރައީސް ހާމައެއް ނުކުރައްވައެވެ.
