ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގެ 7 ވަނަ މެޗެވެ. ކުޅެމުން ދިޔައީ މިހާރުގެ ޗެމްޕިއަން އާޖެންޓީނާއާ މުބާރާތުގެ މިހާ ހިސާބަށް އަލަށް އައި އިޖިޕްޓެވެ. ގަޑިން 78 މިނެޓް ހިނގައިފިއެވެ. 2-0 އިން ކުރީގައި އޮތީ އިޖިޕްޓެވެ. އެހެން ނަމަވެސް މެޗު ނިމުނީ 2-3 އިން އާޖެންޓީނާ މޮޅުވެގެންނެވެ. އާނކެވެ. ޖުމްލަތައް ތި ކިއުނީ ރަނގަޅަށެވެ. މައުލޫމާތުގައި ކުށެއް ވެސް ނެތެވެ. މިއީ އިޖިޕްޓްގެ ތާރީހީ ވޯލްޑްކަޕް ދަތުރު ހަގީގަތުގައި ނިމިގެން ދިޔަ ހިތް ދަތިގޮތެވެ.
އެހެން ނަމަވެސް. މެޗުގެ 90 މިނެޓްގެ ތެރޭގައި ދަނޑު މަތިން އެތައް އެތައް ބޭއިންސާފުވެރި ނިންމުތައް އިޖިޕްޓާ ދެކޮޅަށް ނިންމިއެވެ. އާޖެންޓީނާއަށް ފޭވާ ކުރާ ކަމަށް ބުނެ ކުރާ ތުހުމަތުތަކަށް ބާރު ދޭނެ އެތަށް ކަމެއް ރޭގެ މެޗުގައި ދަނޑުމަތިން ފެނުނެވެ. އިޖިޕްޓްގެ ކުޅުންތެރިންނަށް ކުރާ ފައުލްތައް ނުދިނުމާ ހަމަ އެފަދަ ފައުލެއް އާޖެންޓީނާގެ ކުޅުންތެރިންނަށް ކޮށްފިނަމަ ކާޑު ދައްކާ ހެދިއެވެ.
ހަމަގައިމު ވެސް އެ ހަގީގަތް ވަރަށް ސޭފެވެ. މެޗުގެ ރެފްރީކަން ކުރި ފްރާންސްގެ ފްރަންސުވާ ލެޓެކްސިއޭއަށް މެޗު ނުބެލެހެއްޓެއެވެ.
ރެފްރީގެ ބޭ އިންސާފު އަދި ވީއޭއާރްގެ ބޭނުން ހިފި ގޮތުގެ ވާހަކަ
އަވަސް ސްޕީޑްގައި ކުޅޭ މިކުޅިވަރުގައި ދަނޑު މަތީގައި ހުންނަ ރެފްރީއަށް ނުފެންނަ ފައުލުތަކާ ހާދިސާތައް ބެލުމަށް މިހާރު ބޭނުންކުރާ ވީޑިއޯ އެސިސްޓަންޓް ރެފްރީ ނުވަތަ ވީއޭއާރްގެ ބޭނުން ރޭގެ މެޗުގައި ހިފީ އާޖެންޓީނާއަށް ފައިދާ ވާގޮތަށެވެ. މިކަން ފާހަގަ ވެގެން ދިޔަ މެޗުގެ 58 ވަނަ މިނެޓްގައި އިޖިޕްޓުން ޖެހި ލަނޑު ކެންސަލް ކުރުމުގެ ކުރި އިރު އިޖިޕްޓްގެ ކުޅުންތެރިން އުފާ ފާޅުކޮށް ނުނިމެނީސް ރެފްރީ ލެޓެކްސިއޭ ވީއޭއާރް މޮނިޓާ ދޮށަށް ދިޔައެވެ. އަދި އެގޯލު ޖެހުމުގެ ކުރިން އިޖިޕްޓްގެ އޭރިއާ ކައިރިން އިޖިޕްޓްގެ ކުޅުންތެރިއަކު އާޖެންޓީނާ ލިސާންޑްރޯ މާޓިނޭޒްއަށް ފައުލުކުރި ކަމަށް ބުނެ އިޖިޕްޓް ގޯލު ކެންސަލް ކުރިއެވެ. ދަނޑު މަތީ ކުޅުން ހިނގަމުން ދިޔަ އިރު އެއީ ފައުލެއް ކަމަށް ބުނެ ރެފްރީ ކަށިގަނޑު ނުފުމެއެވެ. ރެފްރީ ވީއޭއާރްގެ މޮނިޓަރު ދޮށަށް ދިއުމުގެ ކުރިން އާޖެންޓީނާގެ ކުޅުންތެރިން ލަނޑު ރިވިއުކުރުމަށް އެދުނެވެ.
މި ހައްގު އިޖިޕްޓް ކުޅުންތެރިންނަށް ނުލިބެއެވެ. މެޗުގެ 92 މިނެޓްގައި އާޖެންޓީނާގެ އެންޒޯ ފަނާންޑޭޒް ލަނޑު ޖެހުމުގެ ކުރިން އާޖެންޓީނާގެ ދެ ކުޅުންތެރިއަކަށް ކުރި ދެ ފައުލެއް ބެލުމަށް އިޖިޕްޓްގެ ޓީމުން ރެފްރީ ކައިރީ އާދޭސްކުރިއެވެ. ޖަވާބުގައި ދެއްކީ ރީނދޫ ކާޑާ ރަތް ކާޑެކެވެ. އާޖެންޓީނާއިން ޖެހީ ގޯލެއް ކަމަށް ނިންމީ ވީއޭއާރް އޭނގެ ތެރެއަށް ނުވެސް ވައްދައެވެ.
ޕްރެޝަރު މެޗެއްގައި 2-0 ގެ ލީޑެއް ނަގާލަން އިޖިޕްޓް ފުރުސަތު ދިނީތަ
ފުޓްބޯޅައިގެ ގޮތުން ބަލާނަމަ އާޖެންޓީނާއާ އިޖިޕްޓަކީ އަޅާ ކިޔޭނެ ދެ ގައުމެއް ނޫނެވެ. އާޖެންޓީނާގެ ފުރަތަމަ 11 ގައި ހިމެނެނީ ދުނިޔޭގެ ބޮޑެތި ގައުމުތަކުގެ ކުޅޭ މަޝްހޫރު ކުޅުންތެރިންނެވެ. ބެންޗުގައި ވެސް ތިބީ ސުޕާ ސްޓާރުންނެވެ. އޭނގެ ބަދަލުގައި އިޖިޕްޓް ޓީމުގައި ނަން މަޝްހޫރު ކުޅުންތެރިންނަށް ތިބީ ލިވަޕޫލުން ވަކިވި މުހައްމަދު ސަލާހާ މެންޗެސްޓާ ސިޓީގެ އޮމާރް މާމޫޝްއެވެ. އެހެން ނަމަވެސް، މެޗުގެ 78 ވަނަ މިނެޓާ ހިސާބަށް ލައިނަލް މެސީއާ އޭނާގެ ޓީމު ލަނޑެއް ޖެހިޔަ ނުދީ ހިފަހައްޓާލެވޭނީ ހުނަރު ނެތިއެއް ނޫނެވެ. މެޗުގެ އެންމެ ފަހު ސިކުންތާ ހިސާބަށް ވެސް އެގޮތުގައި ހިފަހައްޓަން މަދުވީ ތަޖުރިބާއެވެ. އަނެއް ޓީމުގެ ކުޅުން ހަލާކުކޮށްލާ ހަމަލާތައް ނާކާމިޔާބު ކޮށްލަން އެ ގެންގުޅޭ އުކުޅުތަކެވެ.
ގަޑި ދުއްވާލުމާ ފަހަތުގައި ބޯޅަ ޕާސްކޮށް ކޮށް ތިބުން ފަދަ ކުދި ކުދި ކަންކަން ކުރަން ނުވިސްނުނީއެވެ. މެޗުގެ ފަހު ވަގުތު ކުރިއަށް ކުޅޭ ކުޅުންތެރިން ނާރުވާ ޑިފެންޑަރުން އަރުވައިގެން ނަތީޖާ 2-0 ގައި ހިފަހައްޓަން މަސައްކަތް ކުރެވުނު ނަމައޭ މިއަދު އިޖިޕްޓްގެ މެނޭޖްމަންޓުން ހިތަށް އަރާފާނެއެވެ.
މެޗުގެ ފަހު 10 މިނެޓްގައި ފަހަތުން އަރާ ތިން ލަނޑު ޖަހައިގެން މޮޅުވުމަކީ އާދައިގެ ޓީމަކަށް ކުރެވޭނެ ކަމެއް ނޫން
މެޗުގައި ފެނުނު ބޭ އިންސާފަށް އިޖިޕްޓަށް ހެދުނު ގޯސްތަކުގެ ވާހަކަތައް ބަހައްޓަމާ ހެއްޔެވެ. މުބާރާތުން ކަޓަ ކަޓަ އޮއްވާ ކަށިން ހިތްވަރު ނެރެގެން ފުލުފުލުގައި ތިން ލަނޑު ޖެހޭނީ ހަމަ ޗެމްޕިއަނުންނަށެވެ. މިކަން ރޭނގަ އާޖެންޓީނާއިން ދެއްކީއެވެ. 2022 ވަނަ އަހަރުގެ ތަށި އާޖެންޓީނާއަށް ހޯދައި ދިން ކޯޗު ސްކަލޯނީގެ ރޭވުން ގަނޑު ވެސް ހަމަ މޮޅީއެވެ.
އާޖެންޓީނާއަށް ކުޅެވޭނީ ކެޕްޓަން މެސީއަށް ކުޅެވެންޏާއެވެ. މެސީއަށް ކުޅެން ބޭނުންވާނީ ޖާގައެވެ. ޓީމަށް ގެނައި ބަދަލުތަކާއެކު ސްކަލޯނީ މެސީއަށް ހޯދަ ދިނީ ޖާގައެވެ. އާޖެންޓީނާގެ ފުރަތަމަ ލަނޑަކީ މެސީގެ ހުރަހަކުން ޖެހި ލަނޑެކެވެ. ދެވަނަ ލަނޑު ޖެހީ މެސީއެވެ. އަދި މިއީ މިމެޗުގައި ޕެނަލްޓީއެއް މިސްވުމަށް ފަހު މެސީ ދެއްކި މޮޅުކުޅުމެވެ.
އެހެން ނަމަވެސް، މި ނަތީޖާ އަކީ އާޖެންޓީނާއިން ހާއްސަވެސް ވާން ޖެހޭ ނަތީޖާއެކެވެ. ދެވަނަ ބުރުގައި އަލަށް މުބާރާތަށް އައި ކާބޯ ވާޑޭ އަތުން ވެސް 3-2 އިން މޮޅުވި އިރު އިޖިޕްޓް ކައިރިން ވެސް ހަމަ މިސްކޯލައިނުން މޮޅުވި އިރު ދެ މެޗުގައި ބައިކޮޅަށް މިވަނީ 4 ގޯލު ވަދެފައެވެ. ސެމީގެ ކުރިން އާޖެންޓީނާއަށް އެބުނާ 'ބޮޑު' ޓީމަކާ ކުޅެން ނުޖެހޭނެ އިރު ކުދި ކުދި ޓީމުތައް ކައިރިން ވެސް ދުނިޔޭގެ ޗެމްޕިއަނުން މި ސަލާމަތްވަނީ ހަމަ ކިރިޔަ ކިރިއާއެވެ.
