މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބޮސްނިއާ އަދި އެމެރިކާއިން ކުޅުނު މެޗުގައި އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލޮގަން އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި 1 މެޗުގެ ސަސްޕެންޝަން ފަސްކުރަން ފީފާއާ ވާހަކަ ދެއްކި ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އެއްބަސްވެވަޑައިގެންފިއެވެ.
ފީފާއިން ބަލުގަންގެ 1 މެޗު ބޭން ފަސްކުރަން ނިންމުމާ ގުޅިގެން މިރޭ ގަދަ 16 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށް އޭނާއަށް އެރޭނެއެވެ. ބަލޮގަން އަކީ މިމުބާރާތުގައި އެމެރިކާއަށް އެންމެ ގިނަ ލަނޑު ޖަހާ ދިން އެއް ކުޅުންތެރިޔާއެވެ.
ފީފާއިން މި ގޮތަށް ނިންމީ ސީދާ ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވާ މައްސަލަ އަލުން ރިވިއުކުރަން އެދިވަޑައިގަތުމުން ކަމަށް ބައިނަލްއަޤްވާމީ މީޑިއާއިން ރިޕޯޓްކުރިއެވެ. މިއާއެކު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އިރު އެމެރިކާ ސަރުކާރުން ވެސް އަދި ފީފާއިން ވެސް މިކަން ކަށަވަރު ނުކޮށްދެއެވެ.
އެހެން ނަމަވެސް، މިއަދު ވައިޓްހައުސްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ވިދާޅުވީ، އެމެރިކާ ކުޅުންތެރިޔާއަށް ދެއްކި ރަތް ކާޑުގެ މައްސަލައިގައި ފީފާގެ ރައީސްއަށް ގުޅުއްވި ކަމަށާ ފީފާގެ ނިންމުން އަލުން މުރާޖާ ކުރަން އެދިވަޑައިގެންނެވި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ، އެގޮތަށް އެދިވަޑައިގަތީ އެއީ ފައުލެއް ނޫން ވީމަ ކަމަށާ ބަލުގަންއަށް ދިން 1 މެޗުގެ ސަސްޕެންޝަން ފަސްކުރުމަށް އެދިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެގޮތަށް ނިންމީ ފީފާގެ ކޮމިޝަނުން ކަމަށާ އެނިންމުމާއެކު އެފިލުވާލީ ފުޓްބޯޅައިގައި ޖެހުނު ބޮޑު ލައްގަނޑެއް ކަަމަށެވެ.
ފީފާގެ މި ނިންމުމާ މެދު ހިތް ހަމަނުޖެހި ބެލްޖިއަމްގެ ފުޓްބޯޅަ ފެޑްރޭޝަނުން ނެރުނު ބަޔާނަށް ޔޫރަޕްގެ ފުޓްބޯޅައާ ބެހޭ ޖަމާއަތް ޔޫއެފްއާއިން ވަނީ ހިތްވަރު ދީފައެވެ. ޔޫއެފްއާއިން ބުނީ ބައިނަލްއަޤްވާމީ މުބާރާތެއްގައި ދައްކާ ރަތް ކާޑަކާއެކު އަންނަ ސަސްޕެންޝަނެއް ފަސް ކުރުމަކީ ރަތް ރޮނގު ހުރަސްކުރުން ކަމަށާ މިކަން މިގޮތަށް ނިންމަން ޖެހޭ އެއްވެސް ބުއްދި ގަބޫލުކުރާ ސަބަބެއް ނެތް ކަމަށެވެ.
