ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯ މުބާރާތަށް އަލްވަދާއު ކިޔައިފިއެވެ. މެކްސިކޯ މުބާރާތުން ކެޓީ ގަދަ 16 މިއަދު އިންގްލޭންޑާ ވާދަކޮށް ކުޅުނު މެޗުން 3-2 އިން ބަލިވުމުންނެވެ.

މިއާއެކު އިންގްލޭންޑް މިވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ.

ފޯރިގަދަ މާހައުލެއްގައި އަވަސް ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފްގައި އިންގްލޭންޑުން ދެ ގޯލުގެ ލީޑެއް ނެގިއެވެ. އިންގްލޭންޑްގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންގްހަމް ޖެހި މިދެ ގޯލުގެ ދެމެދު ހުރީ އެންމެ 98 ސިކުންތުގެ ފަރަގެކެވެ. ފާހަގަކޮށްލަން ޖެހޭ އަނެއް ކަމަކީ، މުބާރާތުގައި މީގެ ކުރިން ކުޅުނު ހަތަރު މެޗުގައި ވެސް މެކްސިކޯ ކޮޅަށް އެއްވެސް ގޯލެއް ވަދެފައި ނުވާ ކަމެވެ.

ބެލިންގްހަމް ވަނީ ދެ މިނެޓްގެ ތެރޭގައި ދެ ލަނޑު ޖަހާ ދީފައި/ފޮޓޯ: އެކްސް

އެހެން ނަމަވެސް ހާފް ނިމުމުގެ ކުރިން މެކްސިކޯއިން ލަނޑެއް ޖަހާ މެޗުގެ ފަރަގު ކުޑަކުރިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ މެކްސިކޯގެ ވިންގަރު ކުއިނޯނެސްއެވެ.

އިންގްލޭންޑް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފް ނިންމާލި ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރު ތަކެއް ނުވެ ނުރައްކާތެރި ފައުލަކަށް އިންގްލޭންޑްގެ ޖެރާލް ކުއެންސާއަށް ސީދާ ރަތްކާޑެއް ދެއްކިއެވެ. މިއީ މިމުބާރާތުގައި ދެއްކި 12 ވަނަ ރަތްކާޑެވެ.

މި ފައުލްއަށް އިންގްލޭންޑްގެ ޖެރާލް ކުއަންސާއަށް ރަތް ކާޑެއް ދެއްކި/ފޮޓޯ: އެކްސް

ދެން މެޗުގައި ލަނޑު ޖަހާ ނަތީޖާ ހަމަހަމަކުރާނީ މެކްސިކޯ ކަމުގައި ބެލެވުނު ނަމަވެސް ދެން ވެސް ލަނޑު ޖެހީ އިންގްލޭންޑުންނެވެ. މިލަނޑަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކެޕްޓަން ހެރީ ކޭން ޖަހާ ދިން ލަނޑެކެވެ.

އެހެން ނަމަވެސް އޭނގެ ކުޑައިރުކޮޅެއް ފަހު އިންގްލޭންޑްގެ ޕެނަލްޓީ އޭރިއާގެ ތެރޭގައި ކޭން ކުރި ފައުލެއްގެ ސަބަބުން މެކްސިކޯއަށް ވެސް ޕެނަލްޓީއެއް ލިބުނެވެ. މެކްސިކޯގެ ރާއުލް ހިމެނޭޒް މި ޕެނަލްޓީ ކާމިޔާބުކުރި އިރު މެޗުގެ ބާކީ ބައިގައި މުޅިހެން ކުޅުނީ މެކްސިކޯއެވެ. އަދި އިންގްލޭންޑުން ބަދަލުތައް ގެނެސް ޑިފެންސް ވަރުގަދަ ކުރި އިރު މެކްސިކޯއަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތައް ލިބުނެވެ.

އެހެން ނަމަވެސް މެޗު ނިމިގެން ދިޔައީ 3-2 އިން އިންގްލޭންޑް މޮޅުވެ ކުއާޓާ ފައިނަލަށް ގޮސްގެންނެވެ. ކުއާޓާގައި އިންގްލޭންޑް ވާދަކުރާނީ ނޯވޭއާއެވެ. ނޯވޭ ގަދަ 8 އަކަށް ދިޔައީި ރޭ 2-1 އިން ބްރެޒިލް ބަލިކުރުމަށް ފަހުއެވެ.