މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ބޮސްނިއާ އަދި އެމެރިކާއިން ކުޅުނު މެޗުގައި އެމެރިކާގެ ފޯވަޑް ފްލޯރިއަން ބަލުގަން އަށް ދެއްކި ރަތް ކާޑުގެ ސަބަބުން އައި 1 މެޗުގެ ސަސްޕެންޝަން ފަސްކުރަން ފީފާއިން ނިންމައިފިއެވެ.
މިމުބާރާތުގައި އެމެރިކާއަށް 3 ލަނޑު ޖަހާ ދިން ބަލުގަންއަށް އެމެޗުގައި ދެއްކީ ސީދާ ރަތްކާޑެކެވެ. ފީފާގެ ގަވައިދުތައް ބުނާ ގޮތުން މި މުބާރާތުގައި ކުޅުންތެރިއަކަށް ސީދާ ރަތްކާޑެއް ދައްކައިފިނަމަ ދެން ޖެހިގެން އަންނަ މެޗަކަށް އެކުޅުންތެރިއަކަށް ނޭރެނެއެވެ. މީގެ މާނައަކީ މާދަމާ ރޭ މުބާރާތުގެ ގަދަ 16 ގައި އެމެރިކާއާ ބެލްޖިއަމް ވާދަކުރާ މެޗަކަށް ބަލުގަންއަކަށް ނޭރެނެއެވެ.
އެހެން ނަމަވެސް ފީފާއިން އޭނާގެ 1 މެޗުގެ ސަސްޕެންޝަން ފަސްކުރުމުން މާދަމާރޭ ގެ މެޗަށް އޭނާއަށް މިހާރު އެރޭނެއެވެ.
މިކަމާ ބެހޭ ގޮތުން ފީފާއިން ބުނީ އެޖަމާއަތުގެ ސުލޫކީ މިންގަނޑުތަކާ ބެހޭ ގަވައިދުތައް ބުނާ ގޮތުން ކުޅުންތެރިއަކަށް ދައްކާ ރަތް ކާޑާއެކު އަންނަ ސަސްޕެންޝަން 1 އަހަރަށް ފަސް ކުރުމުގެ ބާރު ފީފާއަށް ލިބިގެންވާ ކަމަށާ ސަސްޕެންޝަން ފަސްކުރުމުން ކުޅުންތެރިޔާ އަނެއްކާވެސް ނުރައްކާތެރި ފައުލެއް ކޮށްފިނަމަ ކުޅުންތެރިޔާއާ މެދު ހަރުކަށި ފިޔަވަޅު އެޅޭނެ ކަމަށެވެ. ބަލުގަންގެ ސަސްޕެންޝަން ފަސްކުރީ ކީއްވެ ކަމެއް ފީފާއިން ނުބުނެވެ.
އެހެން ނަމަވެސް ރޮއިޓާސް އަދި އޭޕީ ނިއުސްއިން ވެސް ބުނެފައިވަނީ އެމެރިކާގެ ކުޅުންތެރިޔާގެ ރަތް ކާޑުގެ މައްސަލައިގައި ސީދާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ގުޅުއްވާ ވާހަކަ ދައްކަވާފައި ކަމަށެވެ. ފީފާއިން ސަސްޕެންޝަން ފަސްކުރިކަން އިއުލާނުކުރުމާއެކު ޓްރަމްޕް ވަނީ ސޯޝަލް މީޑިއާގައި މިކަމަށް މަރުހަބާ ކިޔާފައެވެ. އަދި ފީފާއަށް ޝުކުރުއަދާކުރައްވާ ޓްރަމްޕް ވަނީ މިއީ ބޭއިންސާފެއް އިންސާފުވެރި ނިންމުމަކަށް ބަދަލުވި ދަނޑުވަޅުކަމަށް ވިދާޅުވެފައެވެ.
ފީފާގެ ނިންމުމާމެދު ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ ފީފާގެ މިނިންމުމާމެދު ހައިރާންވާ ކަމަށާ މިކަމުގައި ދެން އެޅޭނެ ހުރިހާ ފިޔަވަޅެއް ބަލަމުންދާ ކަމަށެވެ.
