އެމެރިކާގެ ނިއުޔޯކްގައި ހުންނަ މަޝްހޫރު އެމްޕަޔާ ސްޓޭޓް ބިލްޑިންގުގެ އެންމެ މައްޗަށް ހުއްދަނެތި އެރި ރަޝިޔާގެ ދެމީހަކު އެގައުމުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.
ނިއުޔޯކް ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ އިވާން ކުޒްނެޓްސޯވް އާއި 33 އަހަރުގެ އެންޖެލީނާ ނިކޮލާއުއެވެ. މި ދެމީހުންނަކީ ރައްކާތެރިކަމުގެ އެއްވެސް ވަސީލަތަކާ ނުލައި ދުނިޔޭގެ އެކި ކޮޅުތަކުގައި ހުންނަ އުސް ބިލްޑިންގުތަކަށް އަރައި ފޮޓޯ އާއި ވީޑިއޯ ނަގާ މަގުބޫލު ދެމީހުންނެވެ. މި ދެމީހުންގެ ރިސްކު ބޮޑު ދިރިއުޅުމުގެ މައްޗަށް ބިނާކޮށް 2024 ވަނަ އަހަރު ނެޓްފްލިކްސްއިން "ސްކައިވޯލްކާސް އަ ލަވް ސްޓޯރީ" ގެ ނަމުގައި ޑޮކިއުމެންޓްރީއެއްވެސް ނެރެފައިވެއެވެ.
މިދިޔަ ބުދަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ހިނގި މި ހާދިސާގައި، މި ދެމީހުން ވަނީ ބިލްޑިންގުގެ 103 ވަނަ ފްލޯގައި ހުންނަ ހާއްސަ ދޮރަކުން ބިލްޑިންގުގެ އެންމެ މަތީގައި ހުންނަ އެންޓެނާއަށް އަރާފައެވެ. އެއީ ބިމުން ފެށިގެން ގާތްގަނޑަކަށް 1,454 ފޫޓު (443 މީޓަރު) އުސް ސަރަހައްދެކެވެ.
އޭޝިއަލް ފުޓޭޖްތަކުން ފެންނަ ގޮތުގައި ކަޅު ކުލައިގެ ހެދުމާއި މާސްކު އަޅައިގެން ތިބި މި ދެމީހުން ވަނީ އެތަނުގައި ތިބެ ސުލްހައަށް ގޮވާލާ ބެނާއެއް ހުޅުވާލާފައެވެ. އަދި އޭގެ ފަހުން އިވާން ވަނީ ކަކޫ މައްޗަށް ތިރިވެ އެންޖެލީނާއަށް ކައިވެނީގެ ހުށަހެޅުން ހުށަހަޅާފައެވެ. މި ދެމީހުން ވަނީ ކައިވެނީގެ އަނގޮޓީގެ ފޮޓޯއެއްވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ނިއުޔޯކް ފުލުހުންގެ އިމާޖެންސީ ސާވިސް ޔުނިޓުން ވަނީ ބިލްޑިންގުގެ އެންމެ މައްޗަށް އަރައި މި ދެމީހުން ބާލާފައެވެ. މި އޮޕަރޭޝަން ކުރިއަށްދިޔަ ވަގުތު ބިލްޑިންގު ކައިރީގެ މަގުތައްވެސް ބަންދުކުރަން ޖެހުނެވެ.
އެމްޕަޔާ ސްޓޭޓް ބިލްޑިންގުގެ ތަރުޖަމާނު ވިދާޅުވީ މި ހާދިސާގެ ސަބަބުން ބިލްޑިންގުގައި ތިބި އެއްވެސް މީހަކަށް އަދި މުވައްޒަފަކަށް ނުރައްކަލެއް ކުރިމަތިވެފައެއް ނުވާކަމަށެވެ. މި ނުރައްކާތެރި ސްޓަންޓާ ގުޅިގެން ފުލުހުން މިހާރު ވަނީ މި ދެމީހުންގެ މައްޗަށް ގިނަ ދައުވާތަކެއް އުފުލާފައެވެ. އެގޮތުން ނުރައްކާތެރި އަމަލެއް ހިންގުމާއި މުދަލަށް ގެއްލުންދިނުމުގެ އިތުރުން ހުއްދަނެތި ސަރަހައްދަކަށް ވަނުމުގެ ދައުވާ ހިމެނެއެވެ. މި ދެމީހުން މީގެ ކުރިންވެސް ވަނީ ޗައިނާ އަދި މެލޭޝިއާގެ އެންމެ އުސް ބިލްޑިންގުތަކަށް ހުއްދަނެތި އަރައި ބޮޑު ސަމާލުކަމެއް ހޯދާފައެވެ.
