މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލަށް މިފަހަރުގެ ތަށި ނަގާނެ ކަމަށް ގިނަ ބަޔަކު ބުނާ ފްރާންސް ދަތުރުކޮށްފިއެވެ. ފްރާންސް މުބާރާތުގެ ގަދަ 8 އަކަށް ދިޔައީ ތިން ވަނަ ބުރުގައި 1-0 އިން ޕެރެގުއޭ ބަލިކުރުމަށް ފަހުއެވެ.

މުބާރާތުގައި މީގެ ކުރިން ކުޅުނު 4 މެޗުގައި ޖުމްލަ 13 ލަނޑު ޖެހި ފްރާންސަށް ރޭގެ މެޗު ވީ އުނދަގޫ މެޗަކަށެވެ. މިގޮތުން، ފުރަތަމަ ހާފްގައި ފްރާންސަށް މާ ގިނަ ހަމަލާތަކެއް އުފެއްދިފައި ނުވާ އިރު ޕެރެގުއޭގެ ގޯލާ އަމާޒުކޮށް އެންމެ ޝޮޓެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.

ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޕެރަގުއޭގެ ކުޅުންތެރިން މަސައްކަތް ކުރީ ފްރާންސްގެ ކުޅުންތެރިންނަށް އަނިޔާކޮށް ފްރާންސްގެ ކުޅުން ހަލާކުކޮށްލަން ކަމަށް މެޗުގެ ކުޅުން ދިރާސާ ފަރާތްތަކުން ބުންޏެވެ. އަދި ޕެރަގުއޭއިން ލަނޑު ޖަހަން މަސައްކަތް ވެސް ނުކުރާ ކަމަށާ އެޓީމުން އުޅުނީ އަނެއް ޓީމަށް އުނދަގޫ ކުރަން ކަމަށް ވެސް އެފަރާތްތަކުން ބުންޏެވެ.

އެމްބާޕޭ ވަނީ މިމުބާރާތުގައި 7 ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

މެޗުގެ ސްކޯ 0-0 ގައި 70 ވަނަ މިނެޓާ ހަމައަށް އޮތެވެ. މެޗުގެ 70 ވަނަ މިނެޓްގައި ފްރާންސަށް ލިބުނު ޕެނަލްޓީއެއ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުގެ ލީޑު އެޓީމަށް ނަގާ ދިނީ ކެޕްޓަން ކިލިއަން އެމްބާޕޭއެވެ.

މިއީ މުބާރާތުގައި އެމްބާޕޭ ޖެހި 7 ވަނަ ލަނޑަށް ވާ އިރު އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ޗާޓުގެ އެއްވަނައިގައި އޮތް އާޖެންޓީނާ ލައިނަލް މެސީއާ އެމްބާޕޭ މިވަނީ އަރާ ހަމަކޮށްފައެވެ.

މިސްކޯލައިންގައި އޮވެގެން މެޗު ނިމުނު އިރު މުބާރާތުގެ ކުއާޓާގައި ފްރާންސް ނިކުންނާނީ މޮރޮކޯއާ ދެކޮޅަށެވެ. 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ސެމީގައި މި ދެ ޓީމު ވާދަކުރި އިރު އެފަހަރު 2-0 ކުރި ހޯދާ މުބާރާތުގެ ފައިނަލްއަށް ދިޔައީ ފްރާންސެވެ.