މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ރޭ އިޖިޕްޓް އަދި އޮސްޓްރޭލިޔާ ވާދަކުރި މެޗު އެއްވަރުވެ ޕެނަލްޓީއަށް ދާން ޖެހުނު އިރު ޕެނަލްޓީ ޝޫޓްއައުޓްގެ ކުރިން އިޖްޕްޓުގެ ކުޅުންތެރިން ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭގެ ވީޑިއޯއެއް ބަލަންތިބީ ކީއްވެގެންކަން ސާފުވެއްޖެއެވެ.
އިޖްޕްޓްގެ ތާރީހުގައިި ވޯލްޑްކަޕްގެ ގަދަ 16 އަށް ދެވުނު ފުރަތަމަ ފަހަރު އެޓީމުން މިވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. މިގޮތުން، މިފަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގެ މެޗަކުން އިޖިޕްޓް މޮޅުވެފައިވާ އިރު ވޯލްޑްކަޕްގެ ނޮކްއައުޓް ސްޓޭޖްގައި މިހާތަނަށް ފެނުނު ތިން ޕެނަލްޓީ ޝޫޓްއައުޓްގެ ތެރެއިން އެންމެ ކާމިޔާބު ޝޫޓްއައުޓް ވެސް ފެނިފައި މިވަނީ އިޖިޕްޓްގެ ފަރާތުންނެވެ.
އިޖިޕްޓްގެ ޕެނަލްޓީ ޝޫޓްއައުޓް އެންމެ ކާމިޔާބު ޝޫޓްއައުޓްއަށް ވަނީ ކިހިނެއް؟
އިޖްޕްޓާ އޮސްޓްރޭލިޔާ ވާދަކުރި މެޗުގައި ކުރިއަށް ދިޔަ ޕެނަލްޓީ ޝޫޓްއައުޓް އިޖިޕްޓް ކާމިޔާބުކުރީ 2-4 އިންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އޮސްޓްރޭލިޔާގެ ޕެނަލްޓީތައް ފޮނުވާލި 4 ކުޅުންތެރިންގެ ތެރެއިން 2 ކުޅުންތެރިއަކު ޕެނަލްޓީ ބޭރަށް ޖެހި އިރު އިޖްޕްޓްގެ ހުރިހާ ޕެނަލްޓީއެއް ވެސް ކާމިޔާބުކުރިއެވެ.
މިމުބާރާތުގައި މިހާތަނަށް ފެނުނު ތިން ޕެލަންޓީ ޝޫޓްއައުޓްގައި މޮޅުވި ޓީމުތަކުގެ ތެރެއިން އިޖިޕްޓް ނޫން އަނެއް ދެ ޓީމަށް ވެސް ހުރީ ޕެނަލްޓީ ނާކާމިޔާބުވެފައެވެ. މިގޮތުން، ޖާމާނީއާ ދެކޮޅަށް ކުޅެ މޮޅުވި ޕެރަގުއޭ ޖެހި 6 ޕެނަލްޓީގެ ތެރެއިން 1 ޕެނަލްޓީ ޖާމަނީގެ ކީޕަރު ހުއްޓުވި އިރު އަނެއް ޕެނަލްޓީ ޖެހީ ބޭރަށެވެ. ނެދެލޭންޑްސްއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ގަދަ 16 އިން ޖާގަ ހޯދި މޮރޮކޯ ވެސް ޖެހި 5 ޕެނަލްޓީގެ ތެރެއިން 2 ޕެނަލްޓީ ޖެހީ ބޭރަށެވެ.
އިޖިޕްޓްގެ ކާމިޔާބީގެ ފަހަތުގައި ހުރީ އެމްބާޕޭތަ؟
އިޖިޕްޓްގެ ތާރީހީ ކާމިޔާބީ އެނަލިސިސް އަދި ވެސް ހަދަމުންދާ އިރު ފާހަގަކޮށްލެވޭ އެއް ކަމަކީ ޕެނަލްޓީ ޝޫޓްއައުޓްގެ ކުރިން ކެޕްޓަން މުހައްމަދު ސަލާހް ފަދަ ކުޅުންތެރިން ލެޕްޓޮޕަކުން ފްރާންސްގެ ފޯވަޑް ކިލިއަން އެމްބާޕޭ އޭނާ މިހާރު ކުޅޭ ސްޕެއިންގެ ރިއާލް މެޑްރިޑްއަށް ޕެނަލްޓީއެއް ޖަހާދޭ ވީޑިއޯއެއް ބަލަމުންދާ މަންޒަރެވެ. އެމްޕާބޭއަކީ އަބަދުވެސް އިތުބާރާއެކު ޕެނަލްޓީ ޖަހާ ކުޅުންތެރިއަކަށް ވީ އިރު އިޖިޕްޓް ޓީމުން އެމްޕާބޭގެ ވީޑިއޯ ނުބަލަންވީ ސަބަބެއް ނެތެވެ. އެހެން ނަމަވެސް، ޕެނެލްޓީ ޝޫޓްއައުޓަށް ދެތިން މިނެޓަށްވެފައި އޮއްވާ ދަނޑުގައި ތިބި ވީޑިއޯ ބެލި ސަބަބު އިންޓަނެޓްގެ 'ޑިޓެކްޓިވުން' މިއޮތީ ހޯދާފައެވެ.
އިޖްޕްޓް ޓީމުން ބަލަމުން ދިޔައީ ސްޕެއިންގެ ލަ ލީގާގެ ޓީމެއް ކަމަށްވާ ރިއާލް ސޮސިއަޑޭޑްއާ ދެކޮޅަށް އެމްބާޕޭ ޖެހި ޕެނަލްޓީއެކެވެ. މި ޕެނަލްޓީ އެމްބާޕޭ ޖެހި އިރު ގޯލުގައި ހުރީ ރޭ އޮސްޓްރޭލިޔާގެ ޕެނަލްޓީ ޝޫޓްއައުޓަށް ކުޅެން އެރި ކީޕަރު މެޓް ރަޔަންއެވެ. އެހެން ކަމުން، އިޖްޕްޓް ޓީމުގެ މި އުކުޅަށް ގިނަ ބައެއްގެ ތައުރީފު ދަނީ ލިބެމުންނެވެ.
ޕެނަލްޓީ ޝޫޓްއައުޓްއަށް ކީޕަރު ބަދަލުކޮށް އޮސްޓްރޭލިޔާއަށް ހެދުނީ ގޯހެއްބާ؟
ރޭގެ މެޗުގެ އެންމެ މޮޅު އެއް ކުޅުންތެރިއަކީ އޮސްޓްރޭލިޔާގެ ޒުވާން ކީޕަރު ޕެޓްރިކް ބީޗްއެވެ. އޮސްޓްރޭލިޔާއިން ކުޅުނު ހުރިހާ މެޗެއްގައި ވެސް ފެންވަރުގެ ކުޅުމެއް ދައްކަމުން އައި ބީޗް ރޭ ވެސް ވަނީ ހުޝިޔާރު ސޭވްތަކެއްކޮށްފައެވެ. މިގޮތުން، މެޗުގެ 90 މިނެޓްގެ އެންމެ ފަހު މިނެޓްގައި އިޖިޕްޓްގެ ޑިފެންޑަރު ރަމީ ރާބިއާ ބޮލުން ޖަހާ ގޯލަށް ފޮނުވާލި ހަމަލާއެއްގެ ގޯލަށް ވަދެ ވަދެ އޮއްވާ ސަލާމަތްކޮށް ބީޗް ކުރި ސޭވްއަކީ މިމުބާރާތުގައި ވެސް ފެނިގެން ދިޔަ އެންމެ ހުޝިޔާރު އަދި މޮޅު އެއް ސޭވެވެ.
އެހެން ކަމުން، މެޗު ޕެނަލްޓީއަށް ގޮސް ގޮސް އޮއްވާ ބީޗްގެ ބަދަލުގައި ތަޖުރިބާކާރު ކީޕަރު މެޓް ރަޔަން އަރުވަން އޮސްޓްރޭލިޔާގެ ބެންޗުން ނިންމި ނިންމުމާ މެދު ކޮމެންޓޭޓަރުން ވެސް އަދި ފޭނުން ވެސް ސުވާލު އުފެއްދިއެވެ. އަދި މިކަމަށް ބާރު ދިނީ ރަޔަން ކޮޅަށް ޖަހާފައި ހުރި ޕެނަލްޓީތައް ބަލާ އިޖިޕްޓް ކުޅުންތެރިން ބޭނުން ކުރި އުކުޅުތަކުގެ ސަބަބުން ރަޔަންއަށް އެއްވެސް ޕެނަލްޓީއެއް ސޭވް ނުކުރެވުމެވެ. އަދި ބީޗް ގޯލުގައި ބެހެއްޓިނަމަ އިޖިޕްޓް ކުޅުންތެރިންނަށް އެޑްވާންޓޭޖް ނުލިބޭނެ ކަމަށާ މެނޭޖްމަންޓްގެ މިނިންމުމުގެ ސަބަބުން އޮސްޓްރޭލިޔާއަށް ގަދަ 16 ގެ ޖާގައެއް ގެއްލުނު ކަމަށް ވެސް ބައެއް ސަޕޯޓަރުން ދެކެއެވެ.
