ރާއްޖޭގެ މާލީ ދާއިރާގެ އެންމެ ބޮޑު އެކްސްޕޯ ކަމަށްވާ "މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ" 9 އަހަރުގެ މެދުކެނޑުމަކަށްފަހު މިއަދު ފަށައިފިއެވެ.
މި އެކްސްޕޯ ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި އެކްސްޕޯއަކީ ރާއްޖޭގެ ފައިނޭންޝަލް ސެކްޓަރުގައި މަސައްކަތްކުރާ މުހިންމު ހުރިހާ ފަރާތްތަކެއް އެއްތަނަކުން ބައްދަލުވެ، މައުލޫމާތާއި ހިދުމަތްތައް ހިއްސާކުރުމަށް ބާއްވާ ހަރަކާތެކެވެ. "އެމްޕަވަރިން ސަސްޓެއިނަބަލް ފިއުޗާސް: އިންކްލޫޝަން، އިނޮވޭޝަން އެންޑް އިންޓެލިޖެންސް" މި ޝިއާރުގެ ދަށުން ކުރިއަށްދާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޖުލައި މަހުގެ 2 އިން 4 ގެ ނިޔަލަށެވެ.
މި އެކްސްޕޯގައި ރާއްޖޭގެ ކޮމާޝަލް ބޭންކުތަކާއި، އިންޝުއަރެންސް ކުންފުނިތަކާއި، ފައިނޭންސް ހިދުމަތްދޭ އެކި ފަރާތްތަކުގެ އިތުރުން، ގާނޫނީ ނިޒާމު ބަލަހައްޓާ އިދާރާތަކާއި ސަރުކާރުގެ މުހިންމު މުއައްސަސާތަކުން ބައިވެރިވެއެވެ.
މި އެކްސްޕޯގެ ޒަރީއާއިން އާންމު ރައްޔިތުންނަށް ރާއްޖޭގެ މާލީ ނިޒާމުގައި ބައިވެރިވާ މުހިންމު މުއައްސަސާތަކާ ސީދާ ގުޅި، އެ ފަރާތްތަކުގެ ހިދުމަތްތަކާއި މައުލޫމާތު ހޯދުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
