މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އެމެރިކާ އަދި ބެލްޖިއަމް ހޮވިއްޖެއެވެ.
ބެލްޖިއަމް މުބާރާތުގެ ތިން ވަނަ ބުރަށް ދިޔައީ ދެވަނަ ބުރުގައި ރޭ ސެނެގާލްއާ ވާދަކޮށް ފަހަތުން އަރާ 3-2 އިން އެ މެޗު ކާމިޔާބުކޮށްގެންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސެނެގާލުންނެވެ. މެޗުގެ 25 ވަނަ މިނެޓްގައި ޖެހި މިލަނޑާއެކު ސެެނެގާލް ކުރީގައި އޮވެގެން ފުރަތަމަ ހާފް ނިންމާލިއެވެ.
ދެވަނަ ހާފްގައި ވެސް ފުރަތަމަ ލަނޑު ޖެހީ ސެނެގާލުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ އިސްމާއިލާ ސާއެވެ. 2-0 ގެ ލީޑެއްގައި ސެނެގާލް މެޗު ނިންމަން ދަނިކޮށް މެޗުގެ 90 މިނެޓްގެ ފަހު 10 މިނެޓްގައި ބެލްޖިއަމްއިން ފުލު ފުލުގައި ދެ ލަނޑު ޖެހިއެވެ. ފުރަތަމަ ލަނޑު އެޓީމަށް ޖަހާ ދިނީ ރޮމަލޫ ލުކާކުއެވެ. އެއީ މެޗުގެ 86 ވަނަ މިނެޓްގައެވެ. އޭނގެ ތިން މިނެޓް ފަހުން މެޗުގެ 89 ވަނަ މިނެޓްގައި ބެލްޖިއަމްއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު ޖަހާ ދިނީ ޔޫރީ ޓިލަމަންސްއެވެ.
މެޗުގެ 90 މިނެޓް ހަމަވުމުން އިތުރު ވަގުތުގެ 30 މިނެޓް ކުޅުނު އިރު ބެލްޖިއަމްއިން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ އެންމެ ފަހު މިނެޓްގައެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ ވެސް ޓިލަމަންސްއެވެ.
ގްރޫޕްގެ އެއްވަނަ ހޯދައިގެން އައި ބެލްޖިއަމް މުބާރާތުގެ ތިން ވަނަ ބުރުގައި ނިކުންނާނީ މުބާރާތުގެ އެއް ކޯ-ހޯސްޓް އެމެރިކާއާ ދެކޮޅަށެވެ.
މުބާރާތުގެ އަނެއް ދެ ކޯ-ހޯސްޓް މެކްސިކޯ އަދި ކެނެޑާއާއެކު އެމެރިކާއަށް ވެސް ތިން ވަނަ ބުރު ކަށަވަރު
މުބާރާތުގެ ގަދަ 16 އަށް އެމެރިކާ ދިޔައީ ދެވަނަ ބުރުގައި ބޮސްނިއާ 2-0 އިން ބަލިކޮށްގެންނެވެ. އެމެރިކާގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފް ނިމިނިމި އޮއްވާ ފްލޯރިއަން ބަލޮގަންއެވެ. މިއީ މުބާރާތުގައި އޭނާ ޖެހި ތިން ވަނަ ލަނޑެވެ.
އެހެން ނަމަވެސް މެޗުގެ 64 ވަނަ މިނެޓްގައި ބަލުގަން ބޮސްނިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް އޭނާއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. މި މުބާރާތުގައި އެމެރިކާ ދެން ކުޅޭ މެޗަކަށް ބަލުގަންއަކަށް ނޭރޭނެއެވެ.
10 މީހުންނާއެކު ކުޅެމުން ދިޔަ އެމެރިކާއިން ލީޑު ފުޅާ ކުރީ މެޗުގެ 82 ވަނަ މެޗުގައެވެ. އަދި މި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ހިލޭ ޖެހުމަކުން ޓިލްމަންއެވެ.
މުބާރާތުގެ ގަދަ 16 ގައި އެމެރިކާއިން ކުޅެން ޖެހޭނީ ބެލްޖިއަމްއާ ދެކޮޅަށެވެ.
