މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026ގެ އެއް ކޯ-ހޯސްޓް ކަމަށްވާ މެކްސިކޯ މުބާރާތުގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ. މެކްސިކޯ އަކީ މިމުބާރާތް ބާއްވާ ތިން ގައުމުގެ ތެރެއިން ގަދަ 16ގެ ޖާގައެއް ކަށަވަރު ކުރި ދެވަނަ ގައުމެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ސައުތް އެފްރިކާ ކަޓުވާލާ މުބާރާތުގެ އަނެއް ކޯ-ހޯސްޓް ކެނެޑާ ވެސް ވަނީ ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މެކްސިކޯއިން ގަދަ 16 ކަށަވަރު ކުރީ ދެވަނަ ބުރުގައި މިއަދު ހެނދުނު އެކުއަޑޯއާ ކުޅެ 2-0 އިން މެޗު ކާމިޔާބުކޮށްގެންނެވެ. މެކްސިކޯގެ ވެރިރަށް މެކްސިކޯ ސިޓީގައި ކުޅުނު މިމެޗުގެ ފެށުން 1 ގަޑި އިރަށް ޑިލޭ ވެގެންދިޔައެވެ. އެއީ މެޗު ކުޅޭ ސަރަހައްދަށް ތޫފާނެއްގެ އަސަރުކުރުމުން، ފީފާގެ ގަވައިދުތަކާ އެއް ގޮތްވުމުގެ ގޮތުގައި އައި ޑިލޭއެކެވެ.

ފޯރިގަދަ މާހައުލެއްގައި ސައުތް އެމެރިކާގެ ދެ ޓީމުގެ ދެމެދު ކުޅުނު މިމެޗުގައި މެކްސިކޯއިން ޖެހި ދެ ލަނޑު ވެސް ޖެހީ މެޗުގެ ފުރަތަމަ ހާފްގައެވެ. މިގޮތުން ފުރަތަމަ ލަނޑު ހޫލިއަން ކުއިނޯނޭސް ޖަހާ ދިން އިރު މެކްސިކޯގެ ދެވަނަ ލަނޑަކީ ރާއުލް ހިމެނޭޒްގެ ރީތި ލަނޑެކެވެ. މިއީ، މުބާރާތުގައި މެކްސިކޯއިން ކުޅުނު ފުރަތަމަ މެޗުގައި ވެސް ލަނޑު ޖެހި ދެ ކުޅުންތެރިންނެވެ.

މެޗުގެ ނަތީޖާ އެއްވަރުކުރަން އެކުއަޑޯއަށް ގިނަ ފުރުސަތުތައް ލިބުނު އިރު މެކްސިކޯގެ ޑިފެންސް އަދި ކީޕަރު ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. 2-0 އިން މެޗު ނިމުން އިރު މެކްސިކޯއަކީ މިމުބާރާތުގައި ކުޅެމުންދާ ޓީމުތަކުގެ ތެރެއިން ބައިކޮޅަށް ގޯލެއް ވަނަ ނުދީ އޮތް ހަމައެކަނި ޓީމެވެ.

އެކުއަޑޯގެ އިންކިޕޭ އަނގަ މަތީގައި އަތް އަޅައިގެން މެކްސިކޯގެ ހިމިނޭޒްއާ ވާހަކަ ދައްކަނީ/ފޮޓޯ: އެކްސް

މިމެޗުން ބަލިވި އެކުއަޑޯ މުބާރާތް ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ. އެއީ އެކުއަޑޯގެ ޑިފެންޑަރު ހިންކެޕިއޭ މެކްސިކޯގެ ކުޅުންތެރިއަކާ ވާހަކަ ދައްކަމުން އަނގަ މަތީގައި އަތް އަޅާ އަނގަ ފޮރުވައިގެން ވާހަކަ ދެއްކުމުން، މިމުބާރާތަށް ފީފާއިން އަލަށް ތައާރަފް ކުރި ގަވައިދުގެ މަތިން ދެއްކި ސީދާ ރަތް ކާޑެކެވެ.

ހިންކިޕިއޭއަކީ މިމުބާރާތުގައި މިގޮތަށް އަނގަ ފޮރުވައިގެން އިދިކޮޅުގެ ކުޅުންތެރިޔައަކާ ވާހަކަ ދެއްކުމުން ރަތް ކާޑު ދެއްކި ދެވަނަ ކުޅުންތެރިޔާއެވެ.

ގަދަ 16 ގައި މެކްސިކޯ ކުޅެން ޖެހޭނީ އިންގްލޭންޑާ ކޮންގޯ ވާދަކުރާ މެޗުން މޮޅުވާ ޓިމަކާއެވެ. އިންގްލޭންޑާ ކޮންގޯ ވާދަކުރާ މެޗު އޮތީ މިރޭ ރާއްޖޭ ގަޑިން ރޭގަނޑު 10 ޖަހާ އިރެވެ.