މިހާރު ކުރިއަށްދާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ހަތަރު ވަނަ މެޗުގައި ޕެނެލްޓީ ޖަހައިގެން ނެދެލޭންޑްސް ބަލިކޮށް މޮރޮކޯއިން ގަދަ 16 ގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

މިމެޗު ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައީ މެޗުގެ 90 މިނެޓާއި އިތުރު ވަގުތުގައި ކުޅުނު 30 މިނެޓް ނިމުނު އިރު ވެސް 1-1 އިން ދެ ޓީމު އެއްވަރުވުމުންނެވެ.

ދާދި ހަމަހަމަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގެ ފުރަތަމަ ހާފް ނިމުނީ ދެ ޓީމަށް ވެސް ލަނޑެއް ނުޖެހިއެވެ. މެޗުގައި މޮރޮކޯއިން ގިނަ ހަމަލާތައް އުފެއްދި ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ނެދެލޭންޑްސްއިންނެވެ. މެޗު ނިމެން 18 މިނެޓަށް ވެފައިވަނިކޮށް ނެދެލޭޑްސްއަށް މިލަނޑު ޖަހާ ދިނީ ލިވަޕޫލްގެ ފޯވަޑް ކޯޑީ ގެކްޕޯއެވެ.

ގެކްޕޯ ވަނީ މިހަފްތާގައި އޭނާއާ އޭނާގެ ބައިވެރިޔާގެ އުފަން ނުވާ ދަރި މަރުވިކަން އިއުލާނުކޮށްފައި/ފޮޓޯ: އެކްސް

މިދިޔަ ހަފްތާއަކީ ގެކްޕޯގެ އަމިއްލަ ހަޔާތުގައި ހިތާމަވެރި ކާރިސާއަކާ ކުރިމަތިލާން ޖެހުނު ހަފްތާއަކަށް ވީ އިރު ލަނޑަށް ފަހު ނެދެލޭންޑްސްގެ ކުޅުންތެރިން އޭނާ ވަށާލި މަންޒަރާ ގެކްޕޯގެ ލޮލުން ކަރުނަ އޮހޭ މަންޒަރު ވެގެންދިޔައީ މި ވޯލްޑްކަޕްގައި ފެނުނު އެންމެ އަސަރުގަދަ އެއް މަންޒަރަށެވެ.

މެޗުގެ ވަގުތު ކުޑަތަން ވަމުން ދިޔަ އިރު 2022 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރު ވަނަ ހޯދި މޮރޮކޯ މިފަހަރު ދެވަނަ ބުރުން ކަޓާނެ ކަމުގެ ބިރު ހީވިއެވެ. އެހެން ނަމަވެސް މެޗުގެ 91 ވަނަ މިނެޓްގައި ޑިފެންޑަރު އީސާ ޑިއޮޕް ޖެހި ލަނޑާއެކު މެޗުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނެވެ.

އީސާ ލަނޑު ޖެހީ މެޗުގެ 91 ވަނަ މިނެޓްގައި/ފޮޓޯ: އެކްސް

ފަނަރަ މިނެޓްގެ ދެހާފްގައި ވެސް މެޗުގެ ސްކޯ 1-1 ގައި އޮތުމުން ޕެނަލްޓީ ޝޫޓްއައުޓަކަށް ދިޔައެވެ. މިއީ މިމުބާރާތުގެ ދެވަނަ ޕެނަލްޓީ ޝޫޓްއައުޓެވެ.

ނެދެލޭންޑްސްގެ ފުރަތަމަ ޕެނަލްޓީ އެޓީމުން ކާމިޔާބުކުރި އިރު މޮރޮކޯގެ ފުރަތަމަ ޕެނަލްޓީ ޖެހީ ބޭރަށެވެ. އެހެން ނަމަވެސް މިލިބުނު އެޑްވާޓޭޖްގެ ފައިދާ ނުނެގި ނެދެލޭޑްސްއިން ދެން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ނާކާމިޔާބުވިއެވެ. އޭނގެ ބަދަލުގައި މޮރޮކޯއިން ދެން ޖެހި ހަތަރު ޕެނަލްޓީގެ ތެރެއިން ތިން ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލީ އިރު އިސްމާއީލް ސައިބާރީގެ ޕެނަލްޓީއާއެކު އެޓީމު މިފަހަރުގެ މުބާރާތުގެ ގަދަ 16 އަށް މިވަނީ ދަތުރުކޮށްފައެވެ.

މޮރޮކޯ މޮޅުކޮށް ދިން ޕެނަލްޓީ ޖެހުމަށް ފަހު މޮރޮކޯގެ ސައިބާރީ/ފޮޓޯ: އެކްސް

ގަދަ 16 ގައި މޮރޮކޯއިން ވާދަކުރާނީ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ ކެނެޑާއާއެވެ. އެހެން ނަމަވެސް މިމެޗު ކުޅޭނީ އެމެރިކާގެ ހުއިސްޓަންގައެވެ.