މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕް 2026 ގެ ދެވަނަ ބުރުން ޖާމަނީ ކަޓައިފިއެވެ. ޖާމަނީ ކެޓީ ދެވަނަ ބުރުގެ ތިން ވަނަ މެޗުގައި ޕެރަގުއޭއާ ވާދަކޮށް 1-1 އިން މެޗު އެއްވަރުވުމުން ޕެނަލްޓީ ޖަހައިގެން 3-4 އިން ބަލިވުމުންނެވެ.

މިމެޗުގައި ޕެރަގުއޭ މުޅިހެން ޑިފެންސިވް ކުޅުމެއް ކުޅުން ނަމަވެސް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ އެޓީމުންނެވެ. މިގޮތުން، މެޗުގެ 42 ވަނަ މިނެޓްގައި ޖާމަނީގެ ޕެނަލްޓީ އޭރިއަށް ނެގި ރީތި ހުރަހެއް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލާ ޕެރެގުއޭއަށް ލީޑު ނަގާ ދިނީ ހޫލިއޯ އެންސީޒޯއެވެ. މިއީ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ މެޗެއްގައި ޕެރެގުއޭއިން ލަނޑެއް ޖެހި ފުރަތަމަ ފަހަރެވެ.

ޕެރަގުއޭއިން މެޗުގައި ލަނޑު ޖަހާ އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

މެޗުގެ ފުރަތަމަ ހާފް އެޓީމު ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފް ފެށި ތަނާ ހެން ޖާމަނީއިން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މިލަނޑު އެޓީމަށް ޖަހާ ދިނީ އާސަނަލްގެ ފޯވަޑް ކައި ހަވޭޓްޒެވެ.

ކައި ހަވޭޓްޒް ވަނީ މުބާރާތުގައި ޖުމްލަ ތިން ލަނޑު ޖަހާފައި/ފޮޓޯ: އެކްސް

އެއަށް ފަހު ވެސް ޖާމަނީއަށް މެޗުގައި ލަނޑު ޖަހާ ލީޑު ނަގާނެ ފުރުސަތުތައް ލިބުނު ނަމަވެސް މެޗުގެ 90 މިނެޓް ހަމަވީ އިރު ނަތީޖާ ހަމަހަމަވެފައި އޮތުމުން އިތުރު ވަގުތުގެ ގޮތުގައި ފަނަރަ މިނެޓްގެ ދެ ހާފް ކުޅުނެވެ. މިގޮތުން، އިތުރު ވަގުތުގެ ފުރަތަމަ 15 މިނެޓްގައި ޖާމަނީގެ ޑިފެންޑަރު ޖޮނަތަން ޓާހް ލަނޑެއް ޖަހާ ލީޑު ނެގިއެވެ.

އެހެން ނަމަވެސް، ލަނޑު ޖެހުމުގެ ކުރިން ޖާމަނީގެ ކުޅުންތެރިއަކު ޕެރަގުއޭގެ ކީޕަރު އޮލޭންޑޯ ގިލްއަށް ފައުލް ކުރި ކަމަށް ނިންމާ މެޗުގެ ރެފްރީ މި ގޯލް ކެންސަލްކުރިއެވެ.

އިތުރުު ވަގުތުގެ 30 މިނެޓް ހަމަވީ އިރު ވެސް ސްކޯ 1-1 ގައި އޮތުމުން ޕެނަލްޓީ ޝޫޓް އައުޓަކަށް ދިޔައެވެ. ވޯލްޑްކަޕް 4 ފަހަރަށް ހޯދާފައިވާ ޖާމަނީއިން މީގެ ކުރިން ދުވަހަކު ވެސް ވޯލްޑްކަޕްގެ ޕެނަލްޓީ ޝޫޓްއައުޓްއަކުން ބަލިވެފައެއް ނުވެއެވެ. އެހެން ނަމަވެސް، މިފަހަރުގެ ފެށުން ވެސް ގޯހެވެ. މި ގޮތުން، ފުރަތަމަ ޖެހި ޕެނަލްޓީ ޕެރެގުއޭގެ ކީޕަރު ސޭވް ކުރިއެވެ. ޕެރެގުއޭއިން ފުރަތަމަ ޖެހި ތިން ޕެނަލްޓީ ވައްދާލި އިރު ޖާމަނީއިން ވެސް ދެން ޖެހި ދެ ޕެނަލްޓީ ކާމިޔާބުކުރިއެވެ. އަދި ތިން ވަނަ ޕެނަލްޓީ އަނެއްކާވެސް ކީޕަރު ގިލް ސޭވް ކުރި އިރު ޕެރެގުއާއަށް މެޗުން މޮޅުވާން ލިބުނު ފުރުސަތުގައި އެޓީމުން ޖެހި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

ޕެރެގުއޭގެ ކީޕަރު ވަނީ ޕެނަލްޓީ ޝޫޓްއައުޓްގައި ޖާމަނީގެ ދެ ޕެނަލްޓީ ސޭވްކޮށްފައި/ފޮޓޯ: އެކްސް

އެއަށް ފަހު އަނެއްކާ ޖާމަނީގެ ތިން ވަނަ ޕެނަލްޓީ ވައްދާލި އިރު ޕެރެގުއޭއިން ދެން ޖެހި ޕެނަލްޓީ ޖާމަނީގެ ކީޕަރު މެނުއަލް ނޯޔާ ސޭވްކުރިއެވެ. ނޭވާ ހިފަހައްޓާލަން ޖެހުނު މި ޝޫޓްއައުޓްގައި ދެން ޖާމަނީއިން ޖެހި ޕެނަލްޓީ ޑިފެންޑަރު ޓާހް ފޮނުވާލީ ސީދާ ގޯލު ހުރަސް ދަނޑިން މައްޗަށެވެ. އަދި ޕެރެގުއޭއަށް ލިބުނު ފުރުސަތުގައި ގޯލުގެ ކަނަށް ޕެނަލްޓީ ޖަހައިގެން މުބާރާތުގެ ގަދަ 16 އަށް އެޓީމު ގެންގޮސް ދިނީ ޑިފެންޑަރު ކަނާލޭއެވެ.

މުބާރާތުގެ ގަދަ 16 ގައި ޕެރެގުއޭ ކުޅެން ޖެހޭނީ ފްރާންސްއާ ސުވިޑަން ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.