މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ގަދަ 16 ގެ ޖާގައެއް ބްރެޒިލް ކަށަވަރުކޮށްފިއެވެ. ބްރެޒިލް މުބާރާތުގެ ތިން ވަނަ ބުރަށް ދިޔައީ ދެވަނަ ބުރުގައި ޖަޕާނާ ވާދަކޮށް ފަހަތުން އަރާ 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. އެހެން ނަމަވެސް މެޗުގެ ފުރަތަމަ ހާފްގައި ކުޅުމުގެ އޮއިވަރާ ދެކޮޅަށް ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޖަޕާނުންނެވެ.
ކައިޝޫ ސާނޯ އަމިއްލަ ހާފްގެ ތެރެއިން ހޯދި ބޯޅައެއް ހިފައިގެން ދުރުން ފޮނުވާލި ޝޮޓް ވަނީ ބްރެޒިލް ގޯލުގެ ކަނާތު ތިރީ ކަނަށެވެ.
ޖަޕާނުގެ ލަނޑަށް ފަހު ވެސް ބްރެޒިލްއިން ކުޅުން ވަރުގަދަ ކުރި ނަމަވެސް ފުރަތަމަ ހާފްގައި ޖަޕާނުގެ ޑިފެންސް ފޫއަޅުވާ ނުލެވުނެވެ. އެހެން ނަމަވެސް ދެވަނަ ހާފް ފަށައިގެން މާ ގިނަ އިރެއް ނުވެ ބްރެޒިލްއިން ވަނީ އިތުރު ހަމަލާތައް އުފައްދާ ލަނޑެއް ވެސް ޖަހާފައެވެ.
އާސަނެލްގެ ޑިފެންޑަރު ގެބްރިއަލް ނަގާ ދިން ހުރަސް ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލީ މިދިޔަ ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑްއަށް ކުޅުނު ކެސިމީރޯއެވެ.
ދެވަނަ ހާފްގައި ވެސް ގިނަ އިރު ބޯޅަ ހިފަހައްޓައިގެން ނުރައްކާތެރި ގިނަ ހަމަލާތައް އުފެއްދީ ބްރެޒިލުންނެވެ. ހާއްސަކޮށް ރިއާލްގެ ވިންގާ ވިނީސިއަސް ޖޫނިޔާއަށް ދެތިން ފުރުސަތެއް ލިބިގެން ދިޔަ އިިރު މެޗުގެ 90 ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ތެރެއިން 4 މިނެޓާ ހަމައަށް ވެސް ސްކޯ އޮތީ ހަމަހަމަކޮށެވެ.
ބްރެޒިލްއިން މެޗުން މޮޅުވި ލަނޑު ޖެހީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި 6 މިނެޓްގެ ތެރެއިން 5 ވަނަ މިނެޓްގައެވެ. ޖަޕާނުގެ ޑިފެންސް އަތުން ދޫވި ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލީ އާސަނަލްއަށް ކުޅޭ ގެބްރިއަލް މާޓީނެލީއެވެ.
މާޓިނެލީގެ މިލަނޑަށް ފަހު މެޗުގައި ދެން ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކުރާނެ ވަގުތެއް ޖަޕާނަކަށް ނުލިބުނެވެ. އަދި 2-1 އިން ބްރެޒިލް މޮޅުވެ މުބާރާތުގައި ކުރިއަށް ގޮސްފައިވާ އިރު ގަދަ 16 ގައި އެޓީމުން ކުޅެން ޖެހޭނީ ދެވަނަ ބުރުގައި އައިވަރީ ކޯސްޓާ ނޯވޭ ކުޅެގެން މޮޅުވާ ޓީމަކާއެވެ.
