މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު (އާރުޓީއައި) ގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ މިންގަނޑުތަކަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފުރިހަމައަށް އަމަލުކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޓީއައި ގާނޫނުގެ ދަށުން އިސްނަގައިގެން މައުލޫމާތު ހާމަކުރުމަށް ލާޒިމްކުރާ ކަންކަން ފުރިހަމަކޮށް، އެ މިންގަނޑަށް ވާސިލުވި ފުރަތަމަ ސަރުކާރު ހިއްސާވާ ކުންފުންޏަކީ (އެސްއޯއީ) އެޗްޑީސީ ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރު ވަނީ މި ކާމިޔާބީ ފާހަގަކުރައްވައި، އެޗްޑީސީގެ ޓީމަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެޗްޑީސީން މިވަނީ އެހެން ކުންފުނިތަކަށް ނަމޫނާއެއް ދައްކައި، މައުލޫމާތު ހާމަކުރުމުގެ މިންގަނޑެއް ގާއިމުކޮށްދީފައެވެ. މީގެ އިތުރުން، އެޗްޑީސީން މި ދެއްކި ނަމޫނާއާ އެއްގޮތަށް، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުން ވެސް މައުލޫމާތު ހާމަކުރުމުގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް އާހިދު ފާހަގަކުރެއްވިއެވެ.
އެޗްޑީސީގެ މިކާމިޔާބީއާ ގުޅިގެން އެޗްޑީސީން ބުނީ އެކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ހާމަކަންބޮޑު ގޮތެއްގައި ކުންފުނީގެ ކަންކަން ރާވައި، ރައްޔިތުންނަށް ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށެވެ.
އާރުޓީއައި ގާނޫނުގެ 37 ވަނަ މާއްދާގައި ވާގޮތުން، ދައުލަތުގެ މުއައްސަސާތަކުން އަމިއްލަ އިސްނެގުމުގެ މަތިން 13 ބާވަތެއްގެ މައުލޫމާތު ހާމަކުރަންޖެހެއެވެ. އޭގެ ތެރޭގައި، އެ އިދާރާއެއްގެ މަސްއޫލިއްޔަތުތަކާއި، އޮނިގަނޑާއި ވާޖިބު އަދި، އެ އިދާރާއެއްގެ އަހަރީ ބަޖެޓާއި ކުރަން ރާވާފައިވާ ހަރަދުތަކާއި، އެ އިދާރާއެއްގެ މުވައްޒަފުންނަށް ވަކިވަކިންދޭ އުޖޫރައިގެ އިތުރުން، އެ އިދާރާއެއްގެ ނިންމުންތައް ނިންމުމަށް އޮންނަ މަރުހަލާ ނުވަތަ ޒިންމާކުރުން ރޭވިފައި އޮންނަ ގޮތްތައް ހިމެނެއެވެ.
މިއީ ރައްޔިތުންގެ މަސްލަހަތަށްޓަކައި، މަދުވެގެން އަހަރަކު އެއްފަހަރު އާންމުކުރަންޖެހޭ މައުލޫމާތަކަށް ވާއިރު، އެޗްޑީސީގެ ރަސްމީ ވެބްސައިޓުގައި މިކަމަށް ހާއްސަ އިންފޮމޭޝަން ޑައިރެކްޓްރީއެއް ގާއިމުކޮށް، އެ ހުރިހާ މައުލޫމާތެއް އާންމުންނަށް ބެލޭނެހެން ވަނީ އާންމުކޮށްފައެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުންނާއި ކުންފުނިތަކުން އާންމުކުރަންޖެހޭ މައުލޫމާތުތައް ދުރާލައި އިސްނަގައިގެން ހާމަކުރުމަކީ ދެފުށް ފެންނަ ނިޒާމެއް ގާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އެޗްޑީސީން މި މިންގަނޑަށް ވާސިލުވުމަކީ ރާއްޖޭގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާވަމުންދާ ކަމުގެ ހެއްކެކެވެ.
