މިހާރު ހިނގަމުންދާ ފީފާ ވޯލްޑްކަޕް 2026 ގެ ގަދަ 16 ގެ ފުރަތަމަ ޖާގަ މުބާރާތުގެ އެއް ކޯ-ހޯސްޓް ކަމަށްވާ ކެނެޑާއިން ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ތިން ވަނަ ބުރުން ޖާގަ ކެނެޑާއިން ކަށަވަރުކުރީ ވޯލްޑްކަޕްގެ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި 1-0 އިން ސައުތް އެފްރިކާ ބަލިކުރުމަށްފަހުއެވެ.

ހަމަ ހަމަ ކުޅުމެއް ފެނިގެން އައި މި މެޗުގައި ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. މުޅި މެޗުގައި ކެނެޑާއިން ސައުތް އެފްރިކާގެ ގޯލަށް 12 ހަމަލާ ފޮނުވާލި އިރު މީގެ ތެރެއިން ސީދާ ގޯލަށް އަމާޒުވީ އެންމެ 7 ހަމަލާއެވެ. ސައުތް އެފްރިކާއަށް ޖުމްލަ 6 ހަމަލާ އުފެއްދުުނު އިރު ގޯލަށް އަމާޒުވީ އެންމެ ޝޮޓެކެވެ.

އެހެން ކަމުން، ދެވަނަ ބުރުގެ ފުރަތަމަ މެޗު އިތުރު ވަގުތަށް ދާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް މެޗުގެ 90 ދިހަ މިނެޓް ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ދެވަނަ މިނެޓްގައި ކެނެޑާގެ ސްޓީވަން އެސްޓަގުއޭއޯ ފޮނުވާލި ޝޮޓެއް ގޯލުގެ ތެރެއަށް ވައްދާލާ ކެނެޑާއިން ވޯލްޑްކަޕްގެ ގަދަ 16 އިން ފުރަތަމަ ފަހަރަށް ޖާގަ ހޯދިއެވެ.

ގަދަ 16 ގައި ކެނެޑާއިން ކުޅެން ޖެހޭނީ ނެދެލޭންޑްސްއާ މޮރޮކޯއާ ވާދަކޮށް މޮޅުވާ ޓިމަކާއެވެ.

ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވި ސައުތް އެފްރިކާއަށް ރޭގެ މެޗުގައި މާ ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވެއެވެ.