ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖްގެ ހުރިހާ މެޗެއް ކުޅެ ނިމިފައިވާ އިރު މިހާރު މިވަނީ ދެވަނަ ބުރުގައި ވާދަކުރާނެ ޓީމުތައް ވެސް ކަނޑައެޅިފައެވެ. މިއީ 12 ގްރޫޕެއްގައި 48 ޓީމު ހިމެނޭ ގޮތަށް ކުޅޭ ފުރަތަމަ މުބާރާތަށް ވާ އިރު ގްރޫޕް ސްޓޭޖްގެ މެޗުތައް ނިމުނީ ހައިރާން ކުރުވަނިވި ނަތީޖަތަކެއް ވެސް ގެނެސްދީފައެވެ. ހަމަ އެއާއެކު ބޮޑެތި ޓީމުތަކުގެ ކައިރިން ކުޑަ ޓީމުތައް ވެސް ނަތީޖާ ނެރުނުތައް ފެނިގެން ދިޔަ އިރު މުބާރާތުގެ ދެވަނަ ބުރުގެ ފޯރި އަދި މާ ގަދަވާނެއެވެ.

ގްރޫޕް ސްޓޭޖްގެ ތިން މެޗުން މޮޅުވީ އެންމެ 3 ޓީމު

މެސީގެ ފުރަތަމަ ލަނޑަށް ފަހު އާޖެންޓީނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ/ފޮޓޯ: އެކްސް

ހަތަރު ޓީމު ހިމެނޭ 12 ގްރޫޕުގެ މެޗުތައް މިއަދު ހެނދުނު ނިންމާލި އިރު ކޮންމެ ޓީމަކުން ވެސް ވަނީ ތިން މެޗު ކުޅެފައެވެ. އެހެން ނަމަވެސް، ކުޅުނު ތިން މެޗުން ވެސް މޮޅުވެ ސަތޭކެ ޕަސަންޓް ރިކޯޑާއެކު ގްރޫޕް ސްޓޭޖް ނިންމާލާފައިވަނީ އެންމެ ތިން ޓީމެވެ. އެއީ ގްރޫޕް އޭގެ އެއްވަނަ ހޯދި އަދި މެކްސިކޯއާ، ގްރޫޕް އައި ގެ އެއްވަނަ ހޯދި ފްރާންސް އަދި ގްރޫޕް ޖޭގެ އެއްވަނަ ހޯދި އާޖެންޓިނާއެވެ. މީގެ ތެރެއިން، އަމިއްލަ ގޯލަށް ލަނޑެއް ނުވަދެ ގްރޫޕް ސްޓޭޖް ނިންމާލީ މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އެކަންޏެވެ. އަދި އެންމެ ގިނަ ގޯލު ޖަހާފައިވަނީ ފްރާންސުންނެވެ.

ގްރޫޕް ސްޓޭޖްގެ އެންމެ ހައިރާން ކުރުވަނިވި ނަތީޖާތައް ނެރުނީ އެފްރިކާގެ ޓީމުތަކުން

ކޮންގޯގެ ފުރަތަމަ ލަނޑު ޖަހާ ދިން ވިސާ/ފޮޓޯ: އެކްސް

2026 ވަނަ އަހަރުގެ ވޯލްޑްކަޕް ވެގެން މިދަނީ އެފްރިކާ ބައްރުގެ ގައުމުތަކަށް ވަރަށް ކާމިޔާބު މުބާރާތަކަށެވެ. މިގޮތުން، މި ފަހަރުގެ މުބާރާތުގައި ބައިވެރިވި އެފްރިކާގެ 10 ޓީމުގެ ތެރެއިން 9 ޓީމު މިވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މީގެ ތެރޭގައި މުޅިން އަލަށް މި މުބާރާތުގައި ކުޅުނު ކާބޯ ވާޑޭ ހިމެނޭ އިރު އެޓީމާއެކު އިޖްޕްޓް، މޮރޮކޯ، ސައުތް އެފްރިކާ، އަލްޖީރިއާ، ސެނެގާލް، ގާނާ، ކޮންގޯ އަދި އައިވަރީ ކޯސްޓް ވެސް މިވަނީ ގަދަ 32 އަށް ދަތުރުކޮށްފައެވެ.

ޖަޕާނުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދިން ކެއިޓޯ ނަކަމޫރާ/ފޮޓޯ: އެކްސް

މިއީ ރިކޯޑެކެވެ. މީގެ ކުރިން އެއް މުބާރާތެއްގައި ދެވަނަ ބުރަށް ދަތުރުކުރީ އެންމެ ގިނަ ވެގެން އެފްރިކާގެ 2 ޓީމެވެ. އެއީ 2014 ވަނަ އަހަރާ 2022 ވަނަ އަހަރުއެވެ. މި ފަހަރު ގްރޫޕް ސްޓޭޖުން ކަޓައިގެން ދިޔަ އެފްރިކާގެ ގައުމަކީ ޓިއުނީޝިއާއެވެ.

މީގެ ބަދަލުގައި މިފަހަރު މިވީ އޭޝިޔާ ބައްރަށް ވަރަށް ނާކާމިޔާބު ފަހަރަކަށެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖްގައި އޭޝިޔާ ބައްރުގެ ފަރާތުން ރިކޯޑް 9 ޓީމު ވާދަކުރި ނަމަވެސް ދެވަނަ ބުރަށް ދަތުރުކޮށްފައިވަނީ އެންމެ ދެ ޓީމެވެ. އެއީ ޖަޕާން އަދި އޮސްޓްރޭލިޔާއެވެ.