ވޯލްޑްކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިއަކަށް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ވެއްޖެއެވެ. މެސީ މި ރިކޯޑް ހެދީ މިއަދު ހެނދުނު އާޖެންޓީނާއާ އުރުދުން ބައްދަލުކޮށް 3-1 އިން އާޖެންޓީނާ ކާމިޔާބުކުރި މެޗުގައި އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިގެންނެވެ.
މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވި އާޖެންޓީނާއަށް މިއަދުގެ މެޗުގެ ކުރިން ވެސް ދެވަނަ ބުރާ ގްރޫޕްގެ އެއްވަނަ ކަށަވަރުވެފައިވާ އޮތް އިރު ފުރަތަމަ 11ގެ ގިނަ ކުޅުންތެރިންތަކެއް މެޗު ފެށި އިރު ނާރުވައެވެ. މީގެ ތެރޭގައި މެސީ ވެސް ހިމެނެއެވެ. މުބާރާތުގައި އާޖެންޓީނާއިން ޖެހި 5 ލަނޑު ވެސް ކާމިޔާބުކޮށްފައިވަނީ މެސީ ކަމަށްވާ އިރު މެސީއާ ނުލާ އާޖެންޓީނާއަށް ލަނޑެއް ޖެހޭނެތޯ ސުވާލު އުފެދުނުއެވެ.
އެހެން ނަމަވެސް މެޗުގެ 19 ވަނަ މިނެޓްގައި މި ސުވާލުތަކަށް ޖަވާބު ދިނީ ޖިއޮވާނީ ލެ ސެލްސޯގެ ރީތި ފްރީކިކެވެ. އެއަށް ފަހު އާޖެންޓީނާގެ ލަޓޫރޯ މާޓިނޭޒްގެ ޕެނަލްޓީއަކާއެކު 2-0 ގެ ލީޑެއްގައި އާޖެންޓިނާއިން ފުރަތަމަ ހާފް ނިންމާލިއެވެ.
ދެވަނަ ހާފްގައި ފުރަތަމަ ލަނޑު ޖެހީ ޖޯޑާންއެވެ. މިއީ މިމުބާރާތުގައި އާޖެންޓީނާ ކޮޅަށް ވަތް ފުރަތަމަ އަދި ހަމައެކަނި ލަނޑެވެ.
އެއަށް ފަހު ދެން ފެނިގެން ދިޔައީ ފަހު ހާފްގައި ކުޅެން ނިކުތް މެސީގެ ރިކޯޑް ލަނޑެކެވެ. ޖޯޑަންގެ ޕެނަލްޓީ އޭރިއާގެ ބޭރުން އާޖެންޓީނާއަށް ލިބުނު ދުރު ހިލޭ ޖެހުމަށް ތިރިތިރން ގޯލުގެ ތެރެއަށް ވައްދާލައިގެން މެސީ ވެގެން ދިޔައީ ވޯލްޑްކަޕްގައި ޖެހިޖެހިގެން 7 މެޗުގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިމުބާރާތުގައި މެސީ 6 ލަނޑު ޖަހާފައިވާ އިރު މުބާރާތުގެ ފުރަތަމަ ހެޓްރިކް ވެސް ހެދީ މެސީއެވެ. ދެން އެންމެ ގިނައިން ލަނޑު ޖަހާފައިވަނީ ފްރާންސްގެ ކިލިއަން އެމްބާޕޭ، އެޓީމުގެ އުސްމާން ޑެމްބެލޭ، ބްރެޒިލްގެ ވިނީސިއަސް ޖޫނިއާ އަދި ނޯވޭގެ އާލިންގް ހާލެންޑެވެ. މި ހަތަރު ކުޅުންތެރިން ވެސް ވަނީ މިމުބާރާތުގައި 4 ލަނޑު ޖަހާފައެވެ.
