ވޯލްޑްކަޕް 2026 ގެ ގްރޫޕް ސްޓޭޖުން އީރާނު ކަޓައިފިއެވެ. އީރާނުން މުބާރާތުގައި ކުޅުނު ތިން މެޗު ވެސް އެއްވަރުވި އިރު އެޓީމު ކެޓީ ހުރިހާ ގްރޫޕަކުން ތިން ވަނަ އަށް އެންމެ މޮޅު 8 ޓީމުގައި ވެސް ނުހިމެނުނީމައެވެ.
ދެވަނަ ބުރަށް ދިއުމަށް އީރާނުގެ އަތްމަތީގައި އޮތް ބާރު ގެއްލުނީ ހޮނިހިރު ދުވަހު ހެނދުނު އިޖިޕްޓާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވުމުންނެވެ. ކުރިން ގްރޫޕްގައި ކުޅެފައި އޮތް ދެ މެޗުން ވެސް އީރާނު އެއްވަރުވެފައި އޮތް އިރު އިޖްޕްޓު އަތުން 3 ޕޮއިންޓް ހޯދައިގެން ދެވަނަ ބުރު ކަށަވަރުވާނެއެވެ.
މެޗުގެ ފަހު ވަގުތު އީރާނުން ލަނޑެއް ޖަހާ ނަތީޖާ އެޓީމު ކޮޅަށް އަނބުރާވެސް ލިއެވެ. އެހެން ނަމަވެސް ލަނޑު ޖެހި ކުޅުންތެރިޔާގެ ބޫޓުގެ ކޮޅު އޮފްސައިޑްގައި ހުރުމުން އެލަނޑު އީރާނަށް ނުދެއެވެ. އޭނގެ ފަހުން ވެސް އީރާނުން އިޖްޕްޓުގެ ގޯލަށް ފޮނުވާލި ޝޮޓެއް ދަނޑިގައި ޖެހިފައި ނިކުތެވެ. 1-1 އިން އެއްވަރުވެގެން މެޗު ނިމުނު އިރު އީރާނަށް ދެން ޖެހުނީ މިއަދުގެ މެޗުތަކުގެ ނަތީޖާއަށް މަޑުކުރާށެވެ.
އީރާނުގެ ނަސީބު ހަމަ ދެރައީއެވެ.
މިގޮތުން، ކްރޮއޭޝިއާއާ ގާނާ ކުޅުން މެޗުން ކްރޮއޭޝިއާ ބަލިވިނަމަ އީރާނަށް ދެވަނަ ބުރަށް ދެވޭނެއެވެ. އެހެން ނަމަވެސް 2-1 އިން ކްރޮއޭޝިޔާ އެމެޗު ކާމިޔާބުކުރިއެވެ. އަނެއްކޮޅުން، ކޮންގޯއާ އުޒްބަކިސްތާނު މެޗުން ކޮންގޯ ބަލިވެއްޖެނަމަ އީރާނަށް ފުރުސަތު ފަހިވާނެ އިރު މެޗުގައި ލީޑު ނެގީ ވެސް އުޒްބަކިސްތާނުންނެވެ. އެހެން ނަމަވެސް، ކޮންގޯއިން ވަނީ ފަހަތުން އަރާ ތިން ލަނޑު ޖަހާ 1-3 ގެ ނަތީޖާއެއް ނެރި ދެވަނަ ބުރަށް ގޮސްފައެވެ.
ދެން އީރާނުން އިންތިޒާރު ކުރީ އަލްޖީރިއާ އަދި އޮސްޓްރިޔާގެ މެޗަށެވެ. މި ދެޓީމުން ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ބަލިވެފައި އޮތް އިރު މިއަދުގެ މެޗުން އެއްވަރުވެގެން ދެ ޓީމަށް ވެސް ދެވަނަ ބުރުގެ ފުރުސަތު ލިބޭނެއެވެ. މީގެ ތެރެއިން އެއްވެސް ޓީމެއް މޮޅުވެއްޖެ ނަމަ މޮޅުވި ޓީމާ އީރާނު ދެވަނަ ބުރަށް ދާނެ އިރު ބަލިވި ޓީމު މުބާރާތުން ކަޓާނެއެވެ.
އަލްޖީރިއާއާ އޮސްޓްރިއާ ކުޅުނު މިމެޗު ވެގެން ދިޔައީ ގްރޫޕް ސްޓޭޖްގެ އެންމެ ފޯރިގަދަ އެއް މެޗަށެވެ. މެޗުގެ 28 ވަނަ މިނެޓްގައި އޮސްޓްރިއާއިން ލީޑު ނެގި އިރު ފުރަތަމަ ހާފް ނިނުމެނީސް އަލްޖީރިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ދެވަނަ ހާފް ފެށި ތަނާހެން އޮސްޓްރިއާއިން ލަނޑެއް ޖަހާ އަނެއްކާވެސް ލީޑު ނެގި ނަމަވެސް އޭނގެ އިރުކޮޅެއް ފަހުން އަލްޖީރިއާއިން ލަނޑެއް ޖަހާ ހަމަހަމަ ކުރިއެވެ.
ދެން ލީޑު ނެގީ އަލްޖީރިއާއިންނެވެ. މެޗު ނިމެން 2 މިނެޓަށް ވެފައި ވަނިކޮށް ޖެހި މިލަނޑާއެކު އޮސްޓްރިއާ ކަޓުވާލާ އަލްޖީރިއާއާ އީރާނު ދެވަނަ ބުރަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް މެޗުގެ އެންމެ ފަހު މިނެޓްގައި އޮސްޓްރިއާއިން ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗު ނިމުނީ 3-3 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ގްރޫޕް ޖޭގެ ދެވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ އޮސްޓްރިއާ ކުޅެން ޖެހޭނީ ސްޕެއިންއާ ދެކޮޅަށެވެ. އަދި އެންމެ ގަދަ ތިން ވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރަށް ދިޔަ އަލްޖީރިއާ ވާދަކުރާނީ ސުވިޓްޒަލޭންޑާ ދެކޮޅަށެވެ.
