ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން އިތުރު 710 ހައުސިން ޔުނިޓް ގާއިމްކުރުމަށް ނިންމާފައިވާކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ކޮންމެ ހަފްތާއެއްގެ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވަމުން އަންނަ "ޕްރެސް ވިތް ސްޕޮކްސް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ބީއެމްއެލްގެ ގާބިލުކަން އެބަހުރި ކަމަށާއި މިހާރުވެސް 3260 ޔުނިޓް އިމާރާތްކުރަން ބީއެމްއެލްއާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އަދި އިތުރު 710 ޔުނިޓް އިމާރާތްކުރަން ހަވާލު ކުރުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކޮށް މުންދު ވިދާޅުވީ، މިހާރު ކުރިއަށްދަނީ އެކަމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އެ މަޝްރޫއު ނިމޭއިރު ގާތްގަނޑަކަށް 4000 އެއްހާ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
ބީއެމްއެލްގެ އެފޯޑަބަލް ހައުސިން މަޝްރޫގެ ދަށުން މީގެ ކުރިން ނިންމާފައިވަނީ 3260 ހައުސިންގް ޔުނިޓްގެ އިތުރުން 540 ހައުސިންގް ޔުނިޓް އެޅުމަށެވެ. ނަމަވެސް އެ އަދަދު މިހާރު މިވަނީ 710 އަށް އިތުރުކޮށްފައެވެ. މި ބިޔަ މަޝްރޫއުގެ ދަށުން މާޗްމަހު ވަނީ 3260 ޔުނިޓްގެ އަމަލީ މަސައްކަތް ފަށާފައެވެ.
ބީއެމްއެލްއިން ކުރިއަށްގެންދާ ތިން ކޮޓަރީގެ 3260 ހައުސިން ޔުނިޓަކީ ސޯޝަލް ހައުސިން ޕްރޮގްރާމްގެ ތެރެއިން ރައްޔިތުންނަށް ދޫކުރެވޭނެ ޔުނިޓްތަކެކެވެ. އެ ފްލެޓްތަކަކީ މިހާރު ކުރިއަށް ގެންދާ އާއިލީ ބޯހިޔާވަހިކަމުގެ ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން 60،000 ރުފިޔާ އިން ދަށުން އާމްދަނީ ލިބޭ މީހުންނަށް ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތަކެކެވެ.
ފްލެޓްތައް ދޫކުރާނީ "ރެންޓް ޓު އޯން" މޮޑެލްގެ ދަށުން ބޭންކަށް ކުލި ދައްކާ އެތަނުގައި ދިރިއުޅެ، ވަކި މުއްދަތެއްގެ ތެރެއިން އެ ފްލެޓް އަމިއްލަ ކުރެވޭ ގޮތަށެވެ. ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ވިލިމާލެއާއި، ހުޅުމާލެ ފޭސް 1 އަދި ފޭސް 3 ގައެވެ.
