މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ގުޅިފަޅުގައި 4000 ހައުސިން ޔުނިޓް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫގެ އަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު މައުލޫމާތު ދެއްވި ގޮތުގައި، ގުޅިފަޅުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މަޝްރޫއަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަށް ބޭނުންވާ ފައިނޭންސް ހަމަޖެއްސުމަށްޓަކައި އިންޑިއާގެ އެގްޒިމް ބޭންކާއެކު ކުރަންޖެހޭ މަޝްވަރާތަކާއި އިދާރީ މަސައްކަތްތައް މިހާރު ދަނީ ބާރަށް ކުރިއަށެވެ.
ނާޒިމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މި މަޝްރޫއުގެ އަމަލީ މަސައްކަތް ސައިޓުގައި ރަސްމީކޮށް ފެށުން ކަމަށެވެ. މީގެއިތުރުން، މާލެ ސަރަހައްދުގައި ބީއެމްއެލްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ 3460 ހައުސިން ޔުނިޓްގެ މަސައްކަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު ވިދާޅުވީ، ސައިޓުގައި އަމަލީ މަސައްކަތް ފެށުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިދާރީ އަދި ގާނޫނީ ގިނަ ކަންތައްތަކެއް ހުންނަ ކަމަށެވެ. ބައެއް ފަރާތްތަކަށް މަސައްކަތް ލަސްވާހެން ހީވަނީ މި ސަބަބާ ހުރެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"މަސައްކަތް ދާތަން ނުފެނެއޭ ބައެއް މީހުން ބުނޭ. އެކަމަކު އިދާރީ ވަރަށް ބޮޑު ޕްރޮސެސްއެއް އެބަ އޭގެ ކުރިން ކުރިއަށްދޭ. ޑިޒައިން އެޕްރޫވްކުރުން، ސައިޓް ހޭންޑްއޯވާ، ގާނޫނާއި ގަވާއިދުތަކުގެ މަރުހަލާތައް ފުރިހަމަކުރުން އަދި ހުއްދަތައް ހޯދުމާއި ފަންނީ މަރުހަލާތައް ހިމެނޭ،" ސްޓޭޓް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ، މި މަރުހަލާތައް ކާމިޔާބުކަމާއެކު ނިންމައި، މިހާރު ހުޅުމާލެ ފޭސް 1 ގައި އިމާރާތްކުރާ ފްލެޓްތަކުގެ ޓަވަރުތަކުގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ. އަދި ފޭސް 2 ގައި އަޅާ ފްލެޓްތަކުގެ ފައިނަލް ޑިޒައިންތައް އެޕްރޫވްކޮށް ނިމިފައިވުމާއެކު، ވަރަށް އަވަހަށް އެތަނުގެ އަމަލީ މަސައްކަތްތައް ވެސް ފެށިގެންދާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މައިގަނޑު ވައުދާ އެއްގޮތަށް، މި ދައުރުގެ ތެރޭގައި ހައުސިން މަޝްރޫޢުތައް އެއްކޮށް ނިންމައި ރައްޔިތުންނާ ހަވާލުކުރެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. "އަމާޒަކީ 2028ގެ އޮގަސްޓަށް ޔުނިޓްތައް ނިންމާ ރައްޔިތުންނާ ހަވާލުކުރުން. އަދިވެސް އެކަން ހާސިލްވާނެކަމާމެދު ޝައްކެއް ނުކުރަން،" ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
