ލ. އަތޮޅުގައި ތަރައްގީކުރާ ދެވަނަ އެއާޕޯޓު އެ އަތޮޅު އިސްދޫ-ކަލައިދޫގައި ތަރައްގީކުރަން ނިންމައިފިއެވެ.
ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް ތަރައްގީ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އެ ވައުދުފުޅާ އެއްގޮތުގެ މަތިން ދެވަނަ އެއާޕޯޓު ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ އިސްދޫ-ކަލައިދޫގައެވެ.
އެކަން ހާމަކޮށް ހައުސިންގް މިނިސްޓްރީން މިއަދު ބުނީ، މި މަޝްރޫއުގެ ސަބަބުން ހައްދުންމަތީގެ އުތުރު ބިތުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކައްދޫ ވައިގެ ބަނދަރަށް ދިއުމަށް ކުރަންޖެހޭ 45 މިނެޓުގެ ދިގު ދަތުރަށް ލުޔެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން، ބިމުގެ ގޮތުން ތަނަވަސްކަން އޮތް އިސްދޫ-ކަލައިދޫއަކީ އާބާދީ އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން ތަރައްގީގެ ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ރަށެއްގެ އިތުރުން އެ ސަރަހައްދު ވަށައިގެންވާ ގުދުރަތީ ރީތިކަމުގެ ސަބަބުން، ކުރިމަގުގައި ފަތުރުވެރިކަމުގެ ސިނާއަތް އެ ސަރަހައްދުގައި ފުޅާކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް ހައުސިންގް މިނިސްޓްރީން ބުނެފައި ވެއެވެ.
ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ބޭނުންވާ ކަމަށާއި އެ އެއާޕޯޓު ތަރައްގީކުރާނީ ގިނަ ރިސޯޓްތަކާ އެކު އިގްތިސާދީ ގޮތުން އެންމެ ފައިދާވާނެ ރަށެއްގައި ކަން ރައީސް ހާމަ ކުރެއްވީ ނިމުނު އަހަރު އޮކްޓޯބަރު މަހު އެ ރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެއްގައެވެ. ރައީސް އޭރުވެސް ވަނީ އެއާޕޯޓު ތަރައްގީކުރައްވާނީ ދުރުރާސްތާއަށް ވިސްނަވައި އިގްތިސާދީ ގޮތުން ދެމެހެއްޓެނިވި ތަރައްގީ ހާސިލުވާނެ ގޮތަކަށް ކަމަށް ވިދާޅުވެފައެވެ.
ލ. އަތޮޅަކީ ގުދުރަތީ ގޮތުން މުއްސަނދި އަދި ތާރީހީ ގޮތުންވެސް ފާހަގަކޮށްލެވޭ އަތޮޅެކަށްވާއިރު މިހާރު އެ އަތޮޅުގައި އޮޕަރޭޓް ކުރަމުންދަނީ ލ. ކައްދޫ އެއާޕޯޓު އެކަންޏެވެ.
