މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމަށާއި، ތިމާވެއްޓާ ރައްޓެހި ދެމެހެއްޓެނިވި އުސޫލުތަކުގެ ދަށުން ކާނާގެ ޔަގީންކަން ކަށަވަރުކުރުމުގެ މަޤްޞަދުގައި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް" ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.
މި ޕްރޮގްރާމް އިފްތިތާހްކޮށްފައިވަނީ މިއަދު މީރުމާގައި ބޭއްވުނު "މޫސުމީ ބަދަލުތަކަށް ހޭނުމުގެ މަހާސިންތާ" ގައެވެ. މި މަޝްރޫއަކީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ އިން އިސްނަގައިގެން، އެސް.އެމް.އީ ޑިޖިޓަލް އަދި މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗާ އެންޑް އޯޝަން ރިސޯސަސްއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މި ގްރާންޓް ޕްރޮގްރާމް ރަސްމީކޮށް އިފްތިތާހްކޮށްދެއްވީ މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާޖީ، އަލީ ޝަރީފްއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓާ ވިދާޅުވީ، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތަކުން އަރައިގަތުމުގެ ގާބިލުކަން އިތުރުކުރުމާއި ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ ދައުރު ވަރަށް މުހިއްމު ކަމަށެވެ. އަދި މި "މެޗިން ގްރާންޓް ސްކީމް" މެދުވެރިކޮށް، ކާނާއާއި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ޑިޖިޓަލައިޒޭޝަން ފަދަ އިސްކަންދޭ ދާއިރާތަކަށް އަމަލީ ގޮތުން އެހީތެރިކަން ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ވިލުންވެށި" ޕްރޮގްރާމަކީ މިނިސްޓްރީން ތަންފީޒުކުރަމުންދާ "އެންހާންސިން ކްލައިމެޓް ރެސިލިއަންސް އެންޑް ފުޑް ސެކިއުރިޓީ" މަޝްރޫއުގެ ބައެކެވެ. މި ޕްރޮގްރާމްގެ މައިގަނޑު އަމާޒަކީ ވިލުންތެރި އާ އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތަކަށް ހިތްވަރުދީ، ތިމާވެށި ރައްކާތެރިކުރަމުން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމެވެ.
މި ޕްރޮގްރާމްގެ ދަށުން، އާ އީޖާދީ ހިޔާލުތައް ތަންފީޒުކުރުމަށް ކުރިމަތިވާ މާލީ ހުރަސްތައް ނައްތާލުމަށް އެހީތެރިވެދޭނެއެވެ. މިގޮތުން ފަރުދުންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އީޖާދީ މަސައްކަތްކުރާ ޒުވާނުންނާއި އަންހެނުންގެ އިތުރުން، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
