ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް އާޖެންޓީނާގެ ކެޕްޓަން ލައިނަލް މެސީ ވެއްޖެއެވެ.

މެސީ މި ރިކޯޑް މުގުރާލީ މިހާރު އޮސްޓްރިއާ ދެކޮޅަށް ކުޅެމުންދާ މެޗުގައި އާޖެންޓީނާއިން ޖެހި ފުރަތަމަ ލަނޑު ކާމިޔާބުކޮށް ދީގެންނެވެ.

އާޖެންޓީނާގެ ފުރަތަމަ ލަނޑު މެސީ ޖެހީ މެޗުގެ 38 ވަނަ މިނެޓްގައެވެ. އޭނގެ ކުރިން މެޗުގެ 8 ވަނަ މިނެޓްގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއަކުން ގޯލު ޖެހުމުގެ ރިކޯޑް މުގުރާލަން މެސީއަށް ފުރުސަތު ލިބިގެން ދިޔައެވެ. އެހެން ނަމަވެސް މެސީ ތިރިން ފޮނުވާލި ޕެނަލްޓީ ދިޔައީ ބޭރަށެވެ.

އޮސްޓްރިއާ ކޮޅަށް ޖެހި ލަނޑާއެކު ވޯލްޑްކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް މެސީ މި އެރީ ޖާމަނީގެ ކުރީގެ ފޯވަޑް މިރޮސްލާވް ކްލޯސޭ ވައްޓާލުމަށް ފަހުއެވެ.

ކްލޯސޭއަށް ވޯލްޑްކަޕްގައި ޖެހިފައިވަނީ ޖުމްލަ 16 ގޯލެވެ. މިމުބާރާތް ފެށި އިރު މެސީ އޮތީ 13 ގޯލާއެކު ލިސްޓުގެ ދެވަނައިގައެވެ. އެހެން ނަމަވެސް މި ވޯލްޑްކަޕްގައި އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ހެދި ހެޓްރިކްއާއެކު މެސީ ވަނީ ކްލޯސޭގެ ރިކޯޑާ ހަމަކޮށްފައެވެ. އަދި މިރޭ މިޖެހި ލަނޑާއެކު ކްލޯސޭގެ ރިކޯޑް މުުގުރާލާ އާ ރިކޯޑެއް ހަދާފައިވާ އިރު 6 ވޯލްޑްކަޕެއްގައި ކުޅެފައިވާ މެސީ މިވަނީ ޖުމްލަ 17 ގޯލު ޖަހާފައެވެ.