100 އިންސައްތަ ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ތަރައްގީ ކުރުމަށް ހަމަޖެހިފައިވާ 1,000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް މިހަފުތާގެ ތެރޭގައި ކުންފުނިތަކާ ހަވާލުކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ބިނާރާ ގެދޮވެރިކަމާއި އުމްރާނީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
ޕީއެސްއެމް ނިއުސްގެ "ރާއްޖެމިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން، އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މި މަޝްރޫއު ހަވާލުކުރުމަށް ނިންމާފައިވަނީ ޖުމްލަ 5 ދިވެހި ކުންފުންޏަކާ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ކޮންމެ ކުންފުންޏަކަށްވެސް ތަރައްގީކުރުމަށް ހަވާލުކުރާނީ 200 ހައުސިން ޔުނިޓެވެ. އަދި ކޮންމެ ކުންފުންޏަކުން ހަދާ 200 ޔުނިޓު ބެހިފައިވަނީ 3 ކޮޓަރީގެ 140 ޔުނިޓާ 2 ކޮޓަރީ ގެ 60 ޔުނިޓްގެ އެޕާޓްމަންޓް ތަކަށެވެ. އިތުރަށް ނާޒިމް ވިދާޅުވީ 2 ކޮޓަރީގެ އެޕާޓްމަންޓެއްގައި 700 އަކަފޫޓު ހުންނާކަމަށާއި އަދި 3 ކޮޓަރީގެ އެޕާޓްމަންޓެއްގައި 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށެވެ.
ނާޒިމް ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ އެޕާޓްމަންޓްތަކަކީ މިހާތަނަށް ރާއްޖޭގައި ހަދާފައިވާ ސޯޝަލް ހައުސިން ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް ބޮޑެތި ތަންތަނެވެ. މީގެއިތުރުން، މި އިމާރާތްތަކުގެ ފިނިޝިންގެ ފެންވަރާއި، އިމާރާތްތަކުގެ ކުރިމަތީގައި އޮންނަ ހުސްޖާގަ (ކޯޓްޔާޑް) ފަދަ ކަންކަން ކުރީގެ މަޝްރޫއުތަކާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސަރުކާރުން މާލެ ސަރަޙައްދުގެ އެކި ސަރަޙައްދުތަކުގައި ދަނީ ބޯހިޔާވަހިކަމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ބައެއް މަސައްކަތްތަކުގެ ތެރޭގައި ހުޅުމާލެ ފޭސް 1ގެ 3 ބިމެއް ދިވެހި ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ވިލިމާލެ 1 ބިން ދިވެހި ކުންފުންޏަކާ ވަނީ ހަވާލުކޮށްފައެވެ. \
މީގެ އިތުރުން ހުޅުމާލެ ފޭސް 2 ސަރަހައްދުން، ޗައިނާގެ 2 ކުންފުންޏަކަށް ބިން ހަވާލުކޮށްފައިވާއިރު، އެ މަޝްރޫއުގެ ޑިޒައިން މަސައްކަތް ނިމި، ހުއްދަތައް ލިބުނުހާ އަވަހަކަށް އަމަލީ މަސައްކަތް ފެށޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.
